ކޮވިޑް-19 އިން ރައްކާތެރި ވުމަށް މާލޭގައި އިއުލާން ކޮށްފައި ވާ ލޮކްޑައުންގައި އެންގުމާ ހިލާފުވި މީހަކު 28 ފަހަރު ޖޫރިމަނާ ކުރެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ ލޮކްޑައުންގެ ތެރޭގައި އެކަކު 28 ފަހަރު ޖޫރިމަނާ ކުރެވުނު ކަމަށާއި ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ހައްޔަރު ކުރި ހުރިހާ އެންމެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވޭނެ ކަމަށެވެ.

ލޮކްޑައުންގެ އަމުރާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކޮށްފައިވަނީ 1000 ރުފިޔާއިންނެވެ. އެގޮތުން 28 ފަހަރު ޖޫރިމަނާ ކުރިމީހާ 28،000 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭނެއެވެ.

އެގޮތުން ލޮކްޑައުންގެ އަމުރާ ހިލާފުވުމުގެ ސަބަބުން 626 މީހަކު ހައްޔަރު ކޮށްފައިވެއެވެ. މީގެ ތެރެއިން މާލެއިން 576 މީހަކު ހައްޔަރު ކުރެވުނު އިރު، ހުޅުމާލެއިން 47 މީހަކު އަދި ވިލިމާލެއިން 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މަގުމައްޗަށް ނުކުތުން މަނާކުރި އިރު، ޖުމްލަ 9361 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އޭގެ ތެރެއިން 8378 މީހަކު މާލެއިން އަދި ހުޅުމާލެއިން 833 މީހަކު ޖޫރިމަނާ ކުރި އިރު ވިލިމާލެއިން 150 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.