ރާއްޖެއިން އިތުރު 14 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، 10 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭ މިއަދު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ އަށް ދިވެހިންނާއި ބަންގަލަދޭޝްގެ ތިން މީހަކާއި އިންޑިއާގެ ދެ މީހަކާއި ލަންކާގެ މީހެއް ކަމަށެވެ. އަދި މިއަދު ރަނަގަޅުވެފައި ވަނީ 10 މީހަކު ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

އެ 14 މީހުންނާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 2217 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ދިވެހިންގެ އަދަދުވެސް ވަނީ 775 އަށް އަރާފައެވެ. ބަންގްލަދޭޝްގެ ޖުމްލަ 1155 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އިންޑިއާގެ 209 އަދި ލަންކާގެ 13 މީހަކާއި ނޭޕާލްގެ 42 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އެކު ގައުމުތަކުން ޖުމްލަ 17 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އޭގެ ތެރެއިން މިވަގުތު ފަރުވާދެމުން ދަނީ ޖުމްލަ 404 މީހަކަށެވެ. ކޮވިޑް ޖެހި ރާއްޖެއިން ރަނގަޅުވާ މީހުންގެ އަދަދު މިހާރު އިތުރުވެފައި ވާއިރު، މިހާތަނަށް ޖުމްލަ 1813 އަށް ވަނީ އަރާފައެވެ.

ކޮވިޑް ޖެހި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ ޖުމްލަ 8 އަށް އަރާފައެވެ. 4 ދިވެހިންނާއި 4 ބިދޭސީންނެވެ. އެއީ 38 އަހަރުގެ ބަންގްލަދޭޝް މީހާ އާއި 54 އަހަރުގެ ބަންގްލަދޭޝް މީހަކާއި 45 އަހަރޔފެ ބަންގަލަދޭޝް ފިރިހެނެކާއި 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.