ކ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއާ ގުޅިގެން ގުޅީފަޅަށް ވަދެ ނިކުމެ ހެދުމަށް ކުރިން ބޭނުންކުރަމުން ގެންދިޔަ ނެރު ބަންދު ކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ނެރެފެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގުޅީފަޅުގެ އިރުމަތީގައި ހަދާފައިވާ ނެރު ބަންދު ކުރެވިފައިވާ ކަމަށާއި ގުޅީ ފަޅަށް ވަދެ ނިކުމެ ހެދުމަށް މިއަދުން ފެށިގެން ބޭނުން ކުރެވޭނީ އަލަށް ގުޅީ ފަޅުގެ އުތުރު ފަރާތުގައި ހަދާފައިވާ ނެރު ކަމަށެވެ.

އަދި އެކަން އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށާއި އުޅަނދު ފަހަރުގެ ވެރިންނަށާއި އުޅަނދު ފަހަރު އޮޕަރޭޓް ކުރާ ފަރާތްތަކަށް އާންމުކޮށް އަންގާ ވަނީ އިއުލާން ކޮށްފައެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ މަސައްކަތުގެ އެއްބަސްވުމަކީ ނޭޝަނަލް ޕްލޭނިން އާއި ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިންގެ ކުންފުންޏާ ގުޅިގެން ކުރިއަށްދާ މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ހިމެނެނީ 180 ދުވަހުގެ ތެރޭގައި، ގުޅީފަޅުގެ 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކައި ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލުމަށެވެ. މި ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައި ވަނީ، މާލިއްޔަތުގެ ގަވާއިދުގެ ދަށުން ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ފުރަތަމަ ގުޅީފަޅު ހިއްކާފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރު ހިއްކީ 10 ހެކްޓަރެވެ. އެއަށްފަހު 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައި ވެއެވެ. މިހާރު ކުރިއަށް ދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ. އަދި އެ ސަރަހައްދު ހިއްކުމަށް ފަހު މާލެ ވިޔަފާރި ބަނަދަރު ގުޅިފަޅަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.