ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން އަދިވެސް ދަނީ އިތުރަށް ގަދަވަމުން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް އިންޒާރު ކުރައްވައިފިއެވެ.
މިއަދު ކުރިއަށްދިޔަ އޮންލައިން ކޮންފަރެންސެއްގައި މި މޭރުމުން ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ގަދަވަމުންދާ ބަލިމަޑުކަމުގެ އަސަރު، ކުރިއަށް އޮތް އެތައް އަހަރަކަށް ދެމިގެންދާނެ ކަމަށެވެ.
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދިޔަ ހެލްތް ފޯރަމެއްގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމަކީ ހަމައެކަނި ސިއްހީ ކާރިސާއެއް ނޫންކަން މިހާރު އެންމެނަށްވެސް އެނގޭ ކަމަށާ، މިއީ ގިނަ ގައުމުތަކަކަށް ބަލާއިރު، އިގުތުސޯދީ، އިޖުތިމާދީ އަދި ސިޔާސީ ކާރިސާއަކަށްވެސް ވެފައިވާ ބަލިމަޑުކަމެއް ކަމަށެވެ.
ދުނިޔޭގެ އަދުގެ ހާލަތަށް ބަލާއިރު، އެކި ކަންކޮޅުތަކުން 9 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ބަލިމަޑުކަން ފިލާ ނުދަނީސް ގައުމުތަކުން ލޮކްޑައުންއަށް ލުއިދީ، ހުޅުވާލަން ފަށާފައިވީ ނަމަވެސް ބަލިމަޑުކަން ފެންނަމުންދާ ނިސްބަތް އަދިވެސް ދަނީ އިތުރުވަމުންނެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް ޝިފާ ލިބި، ރަނގަޅުވެފައިވަނީ 4.8 މިލިއަން މީހުންނެވެ. އަދި މި ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 471247 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.