ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ހަވާލު ކޮށްފައިވާ މަސައްކަތްތައް ހުއްޓާނުލާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މަރު ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު އަދި ކޮމިޝަނުގެ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ލިޔުމުން އެންގުމަށް މަޖިލީހުން އެދިފައިވާތީ އެ މައުލޫމާތު ހާމަކޮށްފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެފައި ނުވާނެ ކަމަށެވެ. އަދި ކޮމިޝަނުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް މަރު ކޮމިޝަނުން ބުނެއެވެ.

މަރު ކޮމިޝަނުން މިހެން ބުނެފައިވާއިރު، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ހަވާލު ކޮށްފައިވާ މަސައްކަތް ކުރެވެން ނެތް ކަމަށް ސިޓީއަކުން އަންގާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައި މަރުތަކާއި ގުޅިގެން އެ ކޮމިޝަނަށް އިތުރު ހެއްކެއް ލިބެން ނެތް ކަމަށް ފާހަގަކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މަސައްކަތް ކުރެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މިހާތަނަށް ތަހުގީގު ކުރެވިފައި ވަނީ އަމަލީ ގޮތުން މަރުތަކުގައި އުޅުނު މީހުންނަށް ދައުވާ ކުރެވޭ މިންވަރަށް ކަމަށާއި އެ މަރުތައް އިންތިޒާމު ކޮށްފައިވާ ފަރާތްތަކާއި ހަރަދު ކޮށްފައިވާ ފަރާތްތަކަށް ދައުވާ ކުރެވޭނެ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

މިހާތަނަށް މަރު ކޮމިޝަނުން ޑްރާފްޓު ކޮޕީ ނެރެފައިވާ ދެ މަރަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ގުޅޭ ރިޕޯޓެވެ. އެ ދެ މަރާއި ގުޅިގެން ނެރެފައިވާ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވަނީ އެ ދެ މަރަކީވެސް ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.