ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 4 ރަށެއްގައި އޭޓީއެމް ބަހައްޓަން ނިންމައިފިއެވެ.

ބީއެމްއެލުން އަތޮޅުތެރޭގައި ކުރަމުންދާ އިންްވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން އޭޓީއެމް ބަހައްޓަން ނިންމާގައި ވަނީ ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، އއ. ތޮއްޑޫ އަދި ތ. ތިމަރަފުށީގައެވެ. މިއީ ބޭންކިން ވިއުގަ އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތުގެދަށުން ބެހެއްޓޭ އޭޓީއެމްއެވެ.

ބޭންކިން ވިއުގަ ފުޅާކުރުމަށް ރޭވިފައިވާ މަސައްކަތްތަކަށް ބަލާއިރު ކުރިއަތް އޮތް މަސްތަކުގެތެރޭގައި އިތުރު ސެލްފް ސާވިސް އޭޓީއެމް ގާއިމްކުރުމާއި ބޭންކިން ހިދުމަތްތައް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނީ، މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި މި އޭޓީއެމްތަަކަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިން ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް ތަކެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އެންމެ ޒަމާނީ ބޭންކިން ހިދުމަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ލިބޭނެ ގޮތް މަގުފަހިކުރުމުގެ ގޮތުން ދަނީ މުހިންމު އިންވެސްޓްމަންޓްތައް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑް އާ ގުޅިގެން ދަތުރުފަތުރުތަކަށް އަސަރުކުރުމުގެ ސަބަބުން އޭގެ ދަތިތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މިހާރު އޭޓީއެމްތައް ލިބިފައިވާ ކަމަށެވެ. ސޯޔާ ވިދާޅުވީ މިހާރު މަސައްކަތްކުރަމުން މިދަނީ މިރަށްތަކަށް އޭޓީއެމް ގެންދިޔުމުގެ މަސައްކަތް ކަމަށާއި ކުރިއަށްއޮތް ހަފްތާތަކެއްގެ ތެރޭގައި މަސައްކަތްތައް ނިމިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 55 ސެލްފްސާވިސް ބޭންކިން ސެންޓަރު، 116 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.