ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ދައުވާ ނުކޮށް އޮތީ ފުލުހުންގެ އިހުމާލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ދައުވާ ކުރުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ފުލުހުން އެ މައްސަލާގައި ދައުވާ ކުރަން ފޮނުވާފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޑރ. އަފްރާޝީމްގެ މައްސަލާގައި އޮތީ ފުލުސް އޮފީހުގެ އިހުމާލު ކަމަށެވެ.

ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ދައުވާ ކުރަންވީ ފަރާތްތައް ފާހަގަ ކޮށްފައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިކަމުގައި ފައިސާގެ މުއާމަލާތްތަކުގައި ހަރަކާތްތެރިވި 12 މީހަކާއި، ހައްދު ފަހަނެޅި 4 ޖަމިއްޔާއަކާއި، ޑރ. އަފްރާޝީމްގެ މަރާ ގުޅޭ އެކި އެކި ކަންކަމުގެ މައުލޫމާތު ލިބިފައިވާ 36 މީހަކު ވެސް ކޮމިޓީން ފާހަގަކޮށްފައިވާ ކަމަށެވެ.

ދައުވާ ކުރަންވީ ކޮން ކޮން ބައެއްކަން ނަމާއެކު ބަޔާން ކޮށްދީފައި ވާއިރުވެސް، ދައުވާ ކުރުމަށް އަދިވެސް ޕީޖީއަށް ހުށަހަޅާފައި ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލިސް ކޮމިޓީން ދިރާސާކޮށް ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ރިޕޯޓެއް ނެރުމުން އެކަމާ ގުޅޭގޮތުން ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ފާހަގަ ކުރިއަސް އެކަން އެހެން ވާނެ ކަމަށެވެ.

ގެއްލުވާލަފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މައްސަލާގައި މަޖިލީހަށް ހުށަހެޅި ހުލާސާ ރިޕޯޓް މިދިޔަ އަހަރު ސެޕްޓެމްބަރުންގެ ފެށިގެން އެމަނިކުފާނުގެ މޭޒުކޮޅުގައި އޮންނަ ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ، މަރު ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރަން އުޅޭ ކަމަށް ދެކެން ދަތި ކަމަށެވެ.

ނަޝީދު ވިދާޅުވީ މިކަމުން ކުރިއަށް ނުދެވުނީ ތަރުތީބު އޮޅުވާލާ ޖުޑިޝަރީ އިސްލާހު ކުރަން އުޅުމުން ކަމަށާއި، ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޑރ. އަފްރާޝީމްގެ ރިޕޯޓުގައި ވަނީ ފުލުހުންގެ އިހުމާލު ކަމަށާއި، ކޮމިޓީން ތައްޔާރުކުރި ރިޕޯޓޫގައި އިހުމާލުވި ފުލުހުންގެ ނަމާއި ކުރި ކަމާއެކު ފާހަގަ ކޮށްފައިވާ ކަމަށެވެ.