އިންސާފު ހޯދައިދޭން މި ސަރުކާރުންވީ ވައުދު ފެއިލްވެއްޖެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ، އިންސާފު ހޯދައިދޭން ވީ ވައުދުވެސް ފެއިލްވީ ކަމަށާއި، ކޮމިޝަން ހަދައިގެން ކުރަނީ ބޮޑު އިސްރާފެއް ކަމަށެވެ. އަދި ކޮމިޝަނުގެ ނަތީޖާއެއް ނުފެންނައިރު އިންސާފު ނުލިބުމުގެ ޒިންމާ އަކުން ނުނެރެކެވޭނެ ކަމަށާއި، ނަތީޖާ ނުނެރޭއިރު، 2.3 މިލިއަނަށް ވުރެ ބޮޑު ހަރަދެއް ކުރީ ކީއްވެތޯ ޕީޕީއެމް/ޕީއެންސީ ސަރުކާރުން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ހަވާލު ކޮށްފައިވާ މަސައްކަތް ކުރެވެން ނެތް ކަމަށް ސިޓީއަކުން އަންގާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ސިޓީގައި މަރުތަކާއި ގުޅިގެން އެ ކޮމިޝަނަށް އިތުރު ހެއްކެއް ލިބެން ނެތް ކަމަށް ފާހަގަކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މަސައްކަތް ކުރެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މިހާތަނަށް ތަހުގީގު ކުރެވިފައި ވަނީ އަމަލީ ގޮތުން މަރުތަކުގައި އުޅުނު މީހުންނަށް ދައުވާ ކުރެވޭ މިންވަރަށް ކަމަށާއި އެ މަރުތައް އިންތިޒާމު ކޮށްފައިވާ ފަރާތްތަކާއި ހަރަދު ކޮށްފައިވާ ފަރާތްތަކަށް ދައުވާ ކުރެވޭނެ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
މިހާތަނަށް މަރު ކޮމިޝަނުން ޑްރާފްޓު ކޮޕީ ނެރެފައިވާ ދެ މަރަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރާއި ގުޅޭ ރިޕޯޓެވެ. އެ ދެ މަރާއި ގުޅިގެން ނެރެފައިވާ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވަނީ އެ ދެ މަރަކީވެސް ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.