ރައްކާތެރިކަމާއެކު މުޒާހަރާ ކުރެވޭ ގޮތުގެ ގައިޑަލއިނެއް ފުލުހުން އެކުލަވާލުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގޮވަލައްވައިފިއެވެ.

ރޮޒައިނާ ވިދާޅުވީ ރާއްޖެ ލޮކްޑައުންގެ ހާލަތުގައި ނެތްހާ ހިނދަކު، ގައިދުރުކަމާއި، މާސްކު އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަވާ އެއްވުންތަކަށް ޖާގަ ދޭން ޖެހޭނެ ކަމަށެވެ. އަދި މިކަމުގައި އެންމެ ރަނގަޅު ގޮތަކީ މުޒާހަރާތަކާއި އިހުތިޖާޖުތަކުގައި އަމަލުކުރަންވީ ރައްކާތެރި ގޮތުގެ ގައިޑްލައިނެއް ފުލުހުން އެކުލަވާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ، މަގަށް ނުނިކުމެ ކަންބޮޑުވުންތައް ފާޅުކުރުމަށް ގޮވާލާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކުރެއްވި ޓްވީޓާ ގުޅިގެންނެވެ. ފައިރޫޝް ވިދާޅުވީ، އަދިވެސް ރާއްޖެ އޮތީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށާއި، މިއީ އެއްވުންތައް ބޭއްވުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އެހެން ކަމުން 3 މީހުންނަށް ވުރެ ގިނަ މީހުން އެއްފަހަރާ ނުކުމެގެން ނޫޅުމަށާއި، އާންމުންގެ ކަންބޮޑުވުންތައް މާލޭ މަގުމައްޗަށް ނުނިކުމެ ފާޅު ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ފައިރޫޝް މިހެން ވިދާޅުވެފައި ވާއިރު، ނަވާނަވައި، ވާތު ފިޔައިގެ ސިޔާސީ ހަރަކާތުން މިއަދު 8:30 ގައި މަޖިލިސް ކުރިމަތީގައި ވަނީ މުޒާހަރާއެއް ކުރިއަށް ގެންގޮސްފައެވެ. އަދި ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވެ މުޒާހަރާ ރޫޅާލައި، މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސާފައެވެ. މާސްކް އަޅައިގެން ފިޒިކަލް ޑިސްޓަންސް ގައި ކުރި އެ މުޒާހަރާ ބޭއްވީ، އެތައް ރައްޔިތުން ތަކެއްގެ އަޑު މަޖިލީހުގެ މެންބަރުންނަށް އިއްވަން ބޭނުންވާތީ ކަމަށް ބުނެއެވެ.

މަޖިލީސް ހުޅުވައިގެން މަސައްކަތް ކުރަމުންދާ އިރު މި ވަގުތަކީ ކޮވިޑުގެ ސަބަބުން ގެއްލުން ލިބެމުންދާ ފަރާތްތަކަށް ހައްލު ހޯދައިދޭންޖެހޭ ވަގުތު ކަމަށާއި މަޖިލީހުގައި މި ކަމަށް ހައްލު ހޯދައިދިނުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެ އެ މުޒާހަރާގެ ބައިވެރިން ގޮވާލީ މަޖިލީހުގެ ތެރޭގައި މެންބަރުން ސިޔާސީ ސަރަކާތްތައް ޖެހުން ހުއްޓާލުމަށެވެ. އަދި ލޮކްޑައުންގައި ތިބެން ޖެހުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ރައްޔިތުންނަށް އެހީތެރިކަން ދިނުމަށެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުން، ފުލުހުންގެ ގާނޫނު ބަދަލު ކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީސް ކައިރީ އިދިކޮޅު ފަރާތްތަކުން ވަނީ އަޑުއުފުލާ އިހުތިޖާޖު ކޮށްފައެވެ. މިއަދު ހެނދުނު 10:00 ގައި ބޭއްވި އެ އިހުތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓަވާލެއްވުމަށް ގޮވާލާފައިވެއެވެ. އެ މުޒާހަރާގެ ބައިވެރިން ތިބީ ނާދީ ކުރިމަތިން މަޖީދިއްޔާ ސްކޫލު ކަންމަތީގައެވެ.