މެންބަރުން މަޖިލީހަށް ވަޑައިގަންނަވާ އިރު ތަށިބަރި ގެންދަން މެންބަރުންނަށް އަންގައިފިއެވެ.

މެންދުރު ސައިގެ ވަގުތަށް މަޖިލީސް މެދު ކަނޑާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ސައިގެ ވަގުތު މިހާރު 5 މިނެޓު ދިގު ކޮށްފައިވާ ކަމަށެވެ. އެ ވަގުތު ދިގު ކުރީ މަޖިލީހުގައި ސައި ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މަޖިލީހުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން މަޖިލީހުގެ 22 މެންބަރުން ގޭގައި އެކަހެރި ކޮށްފައި ތިބި ކަމަށެވެ. އަދި އޭގެ ތެރޭގައި މެންބަރުންގެ ސައިގެ ކަންކަން ހަމަޖައްސާ މުވައްޒަފުން ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މެންބަރުން މަޖިލީހަށް ތަށިބަރި ގެންދަވާ ނަމަ ސައިގެ ކަން ކަން ހަމަޖެހިގެން ދާނެ ކަމަށާއި، މެންބަރުން މަޖިލީހަށް ވަންނަވާ އިރު ހުން ބަލާ ގޮތަށް ސަލާމަތީ ފިޔަވަޅުތަކާއެކު ތަށިބަރި މަޖިލީހަށް ވެއްދޭނެ ކަމަށެވެ. ތަށިބަރިވެސް މަޖިލީހަށް ވަންނާނީ މަޖިލީހުގެ ޗެކް ކުރުމުގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑު އިރާދަކުރެއްވިއްޔާ ތަށިބަރި ގެންނާނަން، ގެނެސްގެން ސައި ބޮއެގެން އިންނަން އަޅުގަނޑު ގަސްތު ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު މަޖިލީހަށް ވަޑައިގަންނަވާނީ ތަށިބަރި ހިއްޕަވައިގެން ކަމަށާއި، އަދި ހުންނަވާނީ ސައިފޮދު ވެސް ހިއްޕަވައިން ކަމަށެވެ.

މަޖިލީހުގެ އިދާރީ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އެނގުނީ މިދިޔަ ބުދަ ދުވަހެވެ. އެކަން އެނގުމުން މަޖިލިސް ޑިސްއިންފެކްޓް ކޮށް ކޮންޓެކްޓްވި ފަރާތްތައް އައިސޮލޭޓް ކުރުމަށް ފަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިއަދެވެ.