ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ކޮވިޑް19 ގެ ސަބަބުން އާމްދަނީ ދަށްވެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނެއް ނެގުމަށް މަސައްކަތް ކުރަން ފަށައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ މިދިޔަ އަހަރަށްވުރެ މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ ރަނގަޅު ކަމަށެވެ. އާމްދަނީ ދަށަށް ދާން ފެށީ ފެބްރުއަރީ މަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މެއި މަހާއި ހަމައަށް ދިޔައިރު އާމްދަނީ 98 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ އާމްދަނީ ދަށްވުމުން ހަރަދު ކުޑަ ކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް އޭނާ ވަނީ އެއާޕޯޓު ޑިވެލޮޕްމެންޓާ ގުޅުން ނެތް ހުރިހާ ކެޕިޓަލް އެކްސްޕެންޑިޗާއެއް ހުއްޓާލައިފައިވާކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ރެވެނިއު އެކްސްޕެންސްގެ ތެރެއިންވެސް މުވައްޒަފުންގެ މުސާރަ ނޫން އެހެން ހުރިހާ އެއްޗެއް ކުޑަ ކޮށްފައިވާ ކަމަށް މޫސާ ސޯލިހު ވިދާޅުވިއެވެ.

މޫސާ ސޯލިހު ވިދާޅުވީ އާމްދަނީ ދަށްވުމުގެ ސަބަބުން އެ ކުންފުންޏަަށް ބޭނުންވާ ބައެއް ސާމާނު ހޯދަން ބީއެމްއެލް އިން ލޯނެއް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ނަގަން ނިންމާފައިވަނީ ކިހާ އަދަދަދެއްގެ ލޯނެއް ކަމެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.

އިއްޔެގެ ކޮމެޓީގައި އެމްއޭސީއެލް އިން ވަނީ ނިއު ނޯމަލްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި އެކު ދުވާލެއްގެ މައްޗަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 10 ފްލައިޓު ޖައްސާނެ ކަމަށެވެ. އެމްއޭސީއެލްގެ ޓާމިނަލް މެނޭޖަރު އިބްރާހީމް ހުސައިން މިއަދު ވިދާޅުވީ މިހާތަނަށް 10 އެއާލައިނަކުން ސްލޮޓުތައް ރިޒާވް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އުފުލާ އެއާލައިންތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.