ނަވާނަވައި ޖަމާއަތުން އިސްވެ، މަޖިިލިސް ހޭލެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރީގައި މުޒާހަރާ ކުރަން ފެށުމާއެކު އެތަނުން ދުރައް ޖައްސައިފިއެވެ.

މިއަދު ހެނދުނު 8:30 ގައި މަޖިލިސް އިދާރާ ކައިރީގައި މުޒާހަރާ ކުރަން ފަށާފައިވާއިރު، ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް މުޒާހަރާގެ ބައިވެރިން އެތަނުން ދުރަށް ޖައްސާފައެވެ. މިކަމުގެ ތެރޭގައި ދެމީހަކު ބިންމައްޗަށް ވެއްޓިފައި ވާއިރު، އޭގެ ތެރެއިން އެކަކީ ނަވާނަވައި ޖަމާއަތުގެ ސްޕޯކްޕާސަން ފާތިމަތު ސާއިރާއެވެ.

މިހާރު މުޒާހަރާގެ ބައިވެރިން ތިބީ ހޮޓެލް ޖެންއާ ހިސާބަށް ފަހަތަށް ޖައްސާލާފައެވެ. އެގޮތުން ފުލުހުން ވަނީ އެ ހިސާބުގައި ބެރިކޭޑް ޖަހާ، އެއަށްވުރެ އެތެރެއަށް ނާދެވޭނެހެން ބަންދުކޮށްފައެވެ.

މި މުޒާހަރާއާ ބެހޭގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ސާއިރާ ވަނީ، މުޒާހަރާ ކުރުން މަނާކުރިއަސް މުޒާހާރާ ކުރިއަށް ގެންދާނެ ކަމަށާއި މުޒާހަރާއަކީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެއްވެސް ގައުމެއްގައި މުޒާހަރާ ކުރަނީ އެކަމަށް ހުއްދަތަކެއް ނަގައިގެން ނޫން ކަމަށާއި، މުޒާހަރާ ކުރަނީ ކަމަކަށް އިންސާފް ހޯދުމަށް ކަމަށް އޭނާ ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ހޮޓެލް ޖެން ކައިރީގައި / ފޮޓޯ: ދަ ޕްރެސް

އޭނާ ބުނީ، މުޒާހަރާ ކުރިއަށް ދާއިރު، މުޒާހަރާގެ ބައިވެރިން ތިބޭނީ މާސްކް އަޅައިގެން ފިސިކަލް ޑިސްޓަންސް ގައި ކަމަށެވެ. މި މުޒާހަރާ ބާއްވަން ނިންމީ އެތައް ރައްޔިތުންތަކެއްގެ އަޑު މަޖިލީހުގެ މެންބަރުންނަށް އިއްވަން ބޭނުންވާތީ ކަމަށް ސާއިރާ ބުނެއެވެ. މަޖިލީސް ހުޅުވައިގެން މަސައްކަތް ކުރަމުންދާ އިރު މި ވަގުތަކީ ކޮވިޑުގެ ސަބަބުން ގެއްލުން ލިބެމުންދާ ފަރާތްތަކަށް ހައްލު ހޯދައިދޭންޖެހޭ ވަގުތު ކަމަށާއި މަޖިލީހުގައި މި ކަމަށް ހައްލު ހޯދައިދިނުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ސާއިރާ ބުނެއެވެ.

ނަވާނަވައިގެ ފަރާތުން މަޖިލިސް ކައިރީ މުޒާހަރާއެއް ބާއްވަމުން ދާއިރު ފުލުހުން ވަނީ ލޮކްޑައުންގެ ހާލަތަށް ލުއި ދިނުމުގެ މި މަރުހަލާގައި ވެސް އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ ގިނަވެގެން ތިން މީހުންނަށް ކަމަށް ބުނެފައެވެ. އަދި އެޗްޕީއޭގެ އެ އިރުޝާދާ ހިލާފަށް އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.