އިނގިރޭސިވިލާތުގެ ރެޑިންގްއޭ ކިއުނު ސަރަހައްދުގެ އާންމު ޕާކެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ 3 މީހުން މަރާ، އިތުރު ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ޒުވާނާއަކީ، އިނގިރޭސިވިލާތުގެ ދާހިލީ ޖާސޫސީ ކަންކަމާ ބެހޭ ޔުނިޓް (އެމްއައި-5)ގެ ރާޑަރަށް އަރާފައިވާ މީހެއް ކަމަށް ޚަބަރު ލިބިއްޖެއެވެ.

ޕާކުގައި ތޫނު އެއްޗަކުން ހަމަލާ ދީ ބަޔަކު މަރާލި ކަމުގެ ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 25 އަހަރުގެ ޚައިރީ ސައުދުﷲއެވެ. އޭނާއަކީ ލީބިޔާއަށް ނިސްބަތްވާ މީހެއް ކަމަށާ، އެމްއައި-5 ގެ ރާޑަރަށް ސައުދުﷲ އަރާ ފައިވަނީ 2019 ވަނަ އަހަރު ކަމަށް، ކަމާ ބެހޭ މަސްދަރުތަކަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އެމްއައި-5 ރާޑަރަށް ސައުދުﷲ އަރާފައިވަނީ ޓެރަރިޒަމްއާ ގުޅުންހުރި ނިޔަތެއްގައި ގައުމުން ބޭރަށް ދަތުރުކުރަން އުޅޭ ކަމުގެ ޖާސޫސީ ޓިޕެއް ލިބިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅިގެން ބެލި ބެލުމުން، ސައުދުﷲގެ ފަރާތުން އެއްވެސް ވަރެއްގެ ނުރައްކަލެއް އޮތް ކަމަށް ފާހަގަ ކުރެވިފައި ނެތް ކަމަށްވެސް ޚަބަރު ލިބެއެވެ. އަދި އޭނާއާއި ދެކޮޅަށް އިތުރު ތަހުގީގުތަކެއް ހިންގުމަށް އެއްވެސް މައްސަލައެއްވެސް އެކަމުގައި ހުށަހަޅާފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.