މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ، މިއަދު މާލޭ ޖަލުން 101 މީހުން ކޮވިޑަށް ޓެސްޓު ކޮށްފިއެވެ.

ކަރެކްޝަންސް އިން ބުނީ، މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ، އެޗްޕީއޭއާ ގުޅިގެން އެ ތަނުގައި ތިބި ގައިދީން ހިމެނޭ ގޮތަށް 101 މީހެއްގެ ގައިން ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެ ގޮތުން ސާމްޕަލް ނެގިފައި ވަނީ 70 އޮފިސަރުންނާއި މުވައްޒަފުންނާއި 24 ގައިދީންނާއި ބަންދު މީހުން އަދި 7 ވެއިޓަރުންގެ ގައިންނެވެ.

އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންސިސްގެ މުވައްޒަފަކާއި، ކްރިމިނަލް ކޯޓުގެ މުވައްޒަފެއްގެ އިތުރުން މާލެއިން ގއ މާމެންދޫއަށް ދިޔަ ދެމީހަކާއި މާލޭ ޖަލުގެ މުވައްޒަފަކާއި ޕީއެސްއެމްގައި މަސައްކަތް ކުރާ ތިން މުވައްޒަފެއް ވެސް ހިމެނެއެވެ.

އިއްޔެ އަކީ ލޮކްޑައުންއަށް ލުއި ދިނުމަށް މި މަހުގެ 15 ގައި މާލެތެރޭގައި ފާހަކާ ނުލައި ބޭރަށް ނުކުތުމުގެ ހުއްދަ ފަތިހު 5 އިން ރޭގަނޑުގެ 10 އަކާ ހަމައަށް ދިޮން ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ދުވަސްވެސް މެއެވެ. އެގޮތުން އިއްޔެ ވަނީ ޖުމަލަ 37 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިއަދު 16 މީހަކު ކޮވިޑަށް ޕޮޒިޓިވެފައިވާ އިރު މިހާރު ކޮވިޑަށް ޕޮޒިޓީވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 2203 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވް ވި 16 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެއްސަކާއި، ބަންގްލަދޭޝްގެ 7 މީހަކާއި، އިންޑިއާގެ އެކަކެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 767 ދިވެހިން ހިމެނެއެވެ. އެންމެ ގިނައިން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެ ގޮތުން މިހާތަނަށް ބަންގްލަދޭޝްގެ 1160 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 81 ޕަސެންޓް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެ ގޮތުން މިހާރު މި ބައްޔަށް ބޭސްކުރަމުން ދަނީ 387 މީހުންނެވެ.