އެމެރިކާގެ އެންމެ އިސް ޕްރޮސެކިއުޓަރުގެ މަގާމުގައި ހުންނެވި ޖޮފްރީ ބާމަން މަގާމުން ދުރުކުރެއްވުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
މަގާމުން ދުރުކުރެވުނުއިރު ބާމަން ގެންދެވީ، ޓްރަމްޕްގެ ޕާސަނަލް ލޯޔަރު ރަޑޯލްފް ޖޫލިއާނީއާއި ދެކޮޅަށް ތަހުގީގުތަކެއް ކުރައްވަމުންނެވެ.
މަގާމުން އެކަހެރިވުމަށް އެމެރިކާގެ ސަރުކާރުން އެންގި އެންގުމަށް ބާމަން ވަނީ މިދިޔަ ހުކުރު ދުވަހު، އެކަމަށް އިންކާރު ކުރައްވާފައެވެ. ނަމަވެސް ރައީސް އެކަން ކުރައްވާފައިވާކަމަށް ބަޔާން ކުރާ ސިޓީއެއް ބާމަންއަށް ވަނީ އަރުވާފައެވެ. މި ސިޓީ ބާމަންއަށް ފޮނުއްވީ ޓްރަމްޕްގެ އެޓާނީ ޖެނެރަލް ވިލިއަމް ބާއެވެ. މި ސިޓީ އާންމުވުމާއެކުހެން ޓްރަމްޕް ވަނީ މިކަމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނުވާނެ ކަމަށާ، މިކަމަކީ ސީދާ އެޓާނީ ޖެނެރަލާ ގުޅުން ހުރި ކަމެއް ކަމަށް ވިދާޅުވެ، ދިފާއަށް ކުޅުއްވާފައެވެ.
ކަންމިހެން އޮތް ނަމަވެސް، ގާނޫނަށް އިހުތިރާމް ކުރުމުގެ ގޮތުން އޭނާގެ މަގާމު ދޫކޮށްލައްވާނެ ކަމަށް ބާމަން ވަނީ އިއުލާން ކުރައްވާފައެވެ. ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށާ، ޓްރާންސާފާއެއް ހަދާނީ ކަމަށްވެސް ބާމަންވަނީ އިއުލާން ކުރައްވާފައެވެ.
މިއީ ޓްރަމްޕާއާއި ދެކޮޅަށް އެމެރިކާގެ ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލަތައް ތަހުގީގު ކުރަމުންދާ ފަރާތްތައް ނިޒާމުން ބޭރުކުރުމަށް އެމެރިކާގެ ސަރުކާރުން ހިންގަމުންދާ ހަރަކާތްތަކުގެ ޗޭނަށް އެންމެ ފަހުން އިތުރުވި ބޮޅެވެ.