މާދަމާ ހެނދުނު 10:30 ގައި ކޭތަނަމާދު ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ.

އިސްލާިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މާދަމާ ހެނދުނު އެނިޔުލާ އެކްލިޕްސެއް ނުވަތަ އިރުގެ އަނގޮޓި ކޭތައެއް ހިފާނެ ކަމަށެވެ. އެހެންކަމުން މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ކޭތަ ނަމާދު ކުރުމަށް ނިންމާފައެވެ.

ރާއްޖެ އަށް އިރު ކޭތަ ހިފަން ފަށާނީ މާދަމާ ހެނދުނު 9:31 ގައެވެ. އަދި ކޭތަ އެންމެ ބޮޑަށް 10:51 ގައި ހިފާފައި ހުންނައިރު، ކޭތަ މުޅިން ވީއްލާނީ މެންދުރު 12:14 ގައެވެ. މި ކޭތައަކީ ހަމަ ލޮލަށްފެންނާނެ ކޭތައެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޭތަ އެންމެ ސާފުކޮށް ފެންނާނީ އެކްސްރޭ ފަދަ ހުރަހެއް ބޭނުންކޮށްގެން ކަމަށެވެ.

މި އިރުކޭތައާ ގުޅިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި ހެނދުނު 10:30 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެހެން ކަމުން އެ މިނިސްޓްރީން ވަނީ މިކަން އިންތިޒާމުކޮށް ހަމަޖެއްސުމަށް ހުރިހާ ކައުންސިލަކަށް އަންގާފައެވެ.

އެ މިނިސްޓްރީން ބުނީ، ކޭތަ ނަމާދުގެ ހުތުބާ އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

އިރުކޭތަ ހިފަން މެދުވެރިވަނީ ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުން ދާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުންނެވެ.