މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. އިސްދޫން 3 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ލ. އިސްދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މިދިޔަ ބުދަ ދުވަހު ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އިސްދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތިން މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 8 ރަބަރު ހޮޅިކޮޅާއި ކަރުދާސް ކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މިފަދަ އޮޕަރޭޝަން ތަކުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް އަންނަނީ ހައްޔަރު ކުރަމުންނެވެ. ޕިކްފައިން ޕެކެޓެއްގައި ނ. މަގޫދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ. އަދި ނ.ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު އިއްޔެ ވަނީ ވެލިދޫން މީހަކު ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ހުޅުމާލެއިން 6.8 ކިލޯގެ މަސްތުވާ ތަކެއޗާ އެކު 3 މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މި މައްސަލައިގައި ހައްޔަރުކުރި 3 މީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ.