ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ޕޮޒިޓިވްވެއްޖެއެވެ.

މިކަން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަމާން މުހަމައްދު 'ދަ ޕްރެސް' އަށް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އަމާން ވިދާޅުވީ ޕޮޒިޓިވްވީ ޝަރީއަތް ކުރާ ސެކްޝަނެއްގެ މުވައްޒަފެއް ކަމަށެވެ. ނަމަވެސް އެ މުވައްޒަފާ ބެހޭ އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ.

އޭނާ ވިދާޅުވީ އެ ކޯޓުގެ މުވައްޒަފަކު ޕޮޒިޓިވް ވެފައިވާކަން އެނގުނީ މިއަދު ކަމަށެވެ. އަދި އެ ކޭސް އާ ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު އެ ކޯޓުގެ ބައެއް މުވައްޒަފުން ތިބީ އައިސޮލޭޝަންގައި ކަމަށް އަމާން ވިދާޅުވިއެވެ.

ލޮކްޑައުންއާ ގުޅިގެން ކްރިމިނަލް ކޯޓުން ވެސް ދަނީ ވީހާވެސް މަދު މުވައްޒަފުންނެއް ނެރެގެން މަސައްކަތް ކުރެވެތޯ މަސައްކަތް ކުރަމުންނެވެ. އެހެން ކަމުން މިހާރު ކޯޓުގައި އަމަލީގޮތުން އެހާ ގިނަ މުވައްޒަފުންނެއް ހަރަކާތެއް ނުވެއެވެ.

ލޮކްޑައުންއަށް ލުއި ދިނުމުގެ ކުރިން އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް މިހާރު ޝަރީއަތްތައް ކުރިއަށް ގެންދަނީ ކޯޓުގައެވެ.

މިއަދު މިހާތަނަށް އައިއިރު، 5 މީހަކު ޕޮޒިޓިވްވެފައިވާކަން ވަނީ އެނގިފައެވެ. އެއީ އެންސިސްގެ މުވައްޒަފަކާއި، މާލެ ޖަލުގެ މުވައްޒަފެއްގެ އިތުރުން މާލެއިން ގއ މާމެންދޫއަށް ދިޔަ ދެމީހަކާއި ކްރިމިނަލް ކޯޓުގެ މުވައްޒަފެކެވެ.