މާލެއިން ގއ. މާމެންދުއަށް ދިޔަ މީހުންގެ ތެރެއިން އިތުރު ދެ މީހަކު ކޮވިޑް-10 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެ ފްލައިޓުން ދަތުރު ކުރި މީހަކު މިމަހު 18 ވަނަ ދުވަހު ވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިކަން މާމެންދޫ ކައުންސިލުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދެއްވާފައެވެ.

މާމެންދޫ ކައުންސިލްގެ ރައީސް، މުހައްމަދު ޒައީމް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި ދެ މީހުން ތިބީ އެރަށުން ކުރިން ޕޮޒިޓިވްވި މީހާއާ އެއްކޮށް އެއް ކޮޓަރިއެއްގައި ހޯމް ކަރަންޓީނުގައި ކަމަށެވެ. މި ތިން މީހުންނާއެކު މިމަހު 13 ވަނަ ދުވަހު ކޫއްޑޫއަށް ދަތުރުކުރި ފްލައިޓުގައި 40 މީހުން ވަނީ ދަތުރުކޮށްފައެވެ. މި ތިން މީހުންގެ އިތުރުން ދެން ތިބީ ހުސް އެ އަތޮޅު ގެމަނަފުށީ މީހުންނެވެ.

މާމެންދޫން ފުރަތަމަ ޕޮޒިޓިވްވި މީހާ މާލެއަށް ދަތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 31 ގައި ކަމަށާއި އޭނާ މާލެއަށް އައިސްފައިވަނީ ބަލިމީހެއްގެ އެހީތެރިއެއްގެ ގޮތުގައި ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. މާލޭގައި އޭނާ ގެސްޓް ހައުސެއްގައި ހުރީ އާއިލާގެ އިތުރު ދެމީހަކާ އެކުގައި ކަމަށާއި އަދި މި މަހުގެ 6 ވަނަ ދުވަހު އޭނާ ވަނީ ކޮވިޑަށް ޓެސްޓު ކުރެވިފައި ކަމަށާއި އޭރު އޭނާގެ ނަތީޖާ ނެގެޓިވްވި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. މިއަދު ޕޮޒިޓިވްވީ އެ ދެ މީހުންނެވެ.

މިމަހު 18 ވަނަ ދުވަހު މާމެންދޫއިން ފުރަތަމަ މީހާ ފެނިފައިވާއިރު، ދެން ތިބި ދެމީހުން ޕޮޒިޓިވް ކަން ދެނެގަނެވިފައި ވަނީ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ. މި ތިން މީހުންނާ އެރަށުން އިތުރު ބަޔަކާ ބައްދަލުވެފައި ނުވާ ކަމަށް ކައުންސިލް ރައީސް މައުލޫމާތު ދެއްވައެވެ.