ޕިކްފައިން ޕެކެޓެއްގައި މަގޫދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މާލެއިން ފުރައިގެން މަގޫދޫއަށް އަންނަ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހެނދުނު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މަގޫދޫ ބަނދަރު ސަރަހައްދުން އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް ބަލާފާސް ކުރިއިރު އެމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.މަނަދޫ ޕޮޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެންނެވެ. މި މައްސަލަ ނ.މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ނ. މަނަދޫގެ އިތުރުން ނ.ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއެކު އިއްޔެ ވަނީ ވެލިދޫން މީހަކު ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށްފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައި ވަނީ ވެލިދޫ ގެއެއްގެ ތެރޭގައި ބަނގުރާ ކައްކާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި، އެ މީހާ ހައްޔަރުކޮށް އެމީހާ އުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި، ނައިފަރުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ނައިފަރުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަ ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.