އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން މާސް ޕްލެނެޓަށް ފޮނުވާލާ ޖައްވީ މިޝަން ރޯވާ "ޕާސިވަރެންސް" ގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހިދުމަތް ކުރަމުންދާ ސިއްހީ ހިދުމަތްތެރިންނަށް ހާއްސަ ޓްރިބިއުޓެއް ދޭން ނިންމައިފިއެވެ.

10 އަހަރު ދުވަހުގެ މަސައްކަތަށް ފަހު ނާސާއިން މާސް ޕްލެނެޓަށް ފޮނުވާލާ މި އުޅަނދުގެ އިންޖީނުގެ ބައެއްގައި، މުޅި ދުނިޔޭގެ މެޑިކަލް ކޮމިއުނިޓީ ރަމްޒުކޮށްދޭ ރަމްޒީ ނިޝާނެއް ބޭނުން ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އުދުއްސާލާ މި މިޝަންގައި މެޑިކަލް ކޮމިއުނިޓީ ރަމްޒުކޮށްދިނުމަށް ބޭނުން ކުރާނީ 3-5 އިންޗީގެ އެލުމިނިއަމް ޕްލޭޓެކެވެ.

ޖައްވީ މިޝަން ރޯވާ "ޕާސިވަރެންސް" ގައި ސިއްހީ ހިދުމަތްތެރިންގެ ޝަރަފުގައި ބޭނުންކުރާ ޕްލޭޓް/ފޮޓޯ: ނާސާ

ޖައްވީ މިޝަން ރޯވާ "ޕާސިވަރެންސް"ގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖާ މެޓް ވޮލަސް ވިދާޅުވީ، މިއީ އަމިއްލަ ފުރާނަ ނުރައްކަލަށް ލައިގެން އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ހިދުމަތުގައި ގުރުބާން ވަމުންދާ ސިއްހީ ހިދުމަތްތެރިންގެ ޝަރަފުގައި، ނާސާއިން އެ ހިދުމަތްތެރިންގެ އަގު ވަޒަންކުރާކަން އަންގައިދިނުމަށް ކުރާ ކަމެއް ކަމަށެވެ. މިއީ ކުރިއަށް އޮތް ޖީލުތަކަށް މި ރޯވާ ފެންނަ ހިނދު، އެފަދަ ބޮޑު ގުރުބާނީއެއްވި އިންސާނުންތަކެއް މި ދުނިޔޭގެ ފަސްގަނޑުގައި ވަޒަންވެރިވެ އުޅުނުކަން ހަނދާންކޮށްދީ، އަންގައިދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ކަންވެސް ވޮލަސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މިޝަންއަށް ގޮންޖެހުންތަކެއް ކުރިމަތިވި ކަމުގައި ވީ ނަމަވެސް، މިޝަން ލޯންޗުކުރުމުގެ މަސައްކަތްތައް، ތަވާލަވާ އެއްގޮތަށް ކުރިއަށްދާނެ ކަން ނާސާއިން ވަނީ ހާމަކޮށްފައެވެ. ނާސާއިން މާސްއަށް ކުރާ ތާރީހީ ދަތުރު 2012 ވަނަ އަހަރު އިއުލާން ކުރިއިރުވެސް ރާވާފައި އޮތް ފަދައިން، މި މިޝަން މާސްއަށް އުދުއްސާލާނީ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. އެއްވެސް ސަބަބަކާ ހެދި މިޝަން ލަސްވެއްޖެނަމަ، ދެން މިޝަން އުދުއްސާލާނީ ޖުލައި 20-އޯގަސްޓް 11 ވަނަ ދުވަހާ ދެމެދު ދުވަހެއްގައެވެ.