ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އޮފީހުގައި ފެންބޮޑުވެ، އޮފީހަށް ގެއްލުންތަކެއް ލިބިފައިވާއިރު، ލިއެކިއުންތައް ސަލާމަތް ކުރެވުނު ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މައި އިދާރާ ހިންގަމުންދާ އިމާރާތުގެ ތިން ފަންގިފިލާގައި ފެންބޮޑުވެ، އޮފީހަށް ގެއްލުންތަކެއް ލިބިފައި ވަނީ އިއްޔެއެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ކޮމިޝަނުން ބުނީ، އޮފީހުގައި ފެން ބޮޑުވީ އެތަނުގެ ފާހަނައެއްގައި ހުރި ހޮޅިއެއް ފަޅައިގެން ގޮސްގެން ކަމަށެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެޗްއާރުސީއެމްގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ގެއިން އޮފީހުގައި ހުންނަ ސިސްޓަމްތަކަށް އެކްސެސް ވެގެންނެވެ. އޮފީހުގައި ފެން ބޮޑުވެފައިވާކަން އެނގުނީ، ސިސްޓަމްތަކަށް އެކްސެސްނުވެވުމުން، ދިމާވެފައިވާ މައްސަލައެއް ބަލަން މުވައްޒަފަކު އޮފީހަށް ދިއުމުންނެވެ. އެގޮތުން އެ އޮފީހުގައި ކަރަންޓު ކެނޑިފައިވާއިރު، އަދިވެސް ކަރަންޓު ނުލިބޭ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެޗްއާރްސީއެމުން ބުނީ، އެއްވެސް ލިޔެކިއުމަކަށް ގެއްލުން ލިބިފައި ނުވި ނަމަވެސް، ބިންމަތީގައި ބަހައްޓާފައި ހުރި ސިސްޓަމްތަކަށް ފެނުގެ އަސަރު ކޮށްފައިވުމުން އެ ސިސްޓަމްތަކަށް ލިބުނު ގެއްލުމެއް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. އެ ކޮމިޝަނުން ބުނީ، ލިޔެކިއުންތައް ސަލާމަތްކުރީ އިއްޔެ އެ އޮފީހުގެ މުވައްޒަފުން އޮފީހަށް ނިކުމެ ކުރި މަސައްކަތުން ކަމަށެވެ. އަދި ސިސްޓަމްތަކަށް ލިބުނު ގެއްލުން އެނގޭނީ އެ އޮފީހަށް ކަރަންޓު ލިބުމުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތައް ކުރުމަށްވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ދެމިތިބޭނެ ކަމަށާއި، ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އެ ކޮމިޝަނުން ބުނީ، މި ހާލަތުން އަރައިގަތުމަށް މުއައްސަސާތަކުގެ އެއްބާރުލުން ލިބެމުންދަ ކަމަށެވެ.

ވާރޭ ވެހޭ ދުވަހެއް ނަމަ އެޗްއާރުސީއެމް އޮފީހަށް ވާރޭގެ އަސަރު ކުރާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި އެޗްއާރުސީއެމް ހިންގަން އިމާރާތެއް ހޯދުމަށް ދައުލަތުގައި އެދިފައިވާނެ ކަމަށާއި، ވަގުތީ ގޮތުން ވެސް އާ އިމާރާތެއް ބޭނުންވަ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.