ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ހޮސްޕިޓަލުގައި އެޑްމިޓް ނުކުރާ ކަމަށާއި، ނަމަވެސް އޮބްޒަވޭޝަންގައި ކުޑަ ވަގުތުކޮޅަކު ބޭއްވި ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މައިމޫނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ކަމުގެ ވާހަކަތަކެއް ފެތުރިފައި ވަނިކޮށެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، މައިމޫނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި ހުންނެވީ ގޭގައި ކަމަށެވެ.

އޭނާ ވިދާޅުވީ، މައިމޫނާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ހޮސްޕިޓަލުގައި ކުޑަ ވަގުތު ކޮޅަކު އޮބްޒަވޭޝަންގައި ބޭއްވި ކަމަށެވެ. ނަމަވެސް އެޑްމިޓް ނުކުރާ ކަމަށާއި، ޑޮކްޓަރަށް ދެއްކީ ކޮވިޑް-19އާ ގުޅުން ހުރި ކަމެއްގައި ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވުމާއެކު، މައިމޫނާއަކީ އާންމު ސިއްހަތާ ގުޅުން ހުރި ހުރިހާ ކަމެއްގެ އެންމެ މުހިންމު ނިންމުންތައް ނިންމަވާ އިސް ފަރާތެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި މޮނިޓަރިން އަށް ތަންތަން ލުމާއި، މީހުން ކަރަންޓީނު ކުރުން ނުވަތަ އައިސޮލޭޓް ކުރުމާބެހޭ ހުރިހާ ކަމެއްގެ ފަހު ބަސް ވިދާޅުވާ ފަރާތަކީ މައިމޫނާއެވެ. ފިޔަވަޅުތަކާއެކު މިހާތަނަށް އައިއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 2150 މީހެކެވެ. އަދި 1769 މީހުން ބަލިން ރަނގަޅުވެ، 8 މީހަކު މަރުވެފައި ވާއިރު، މިހާރު މި ބަލީގައި ފަރުވާ ކުރަމުން ދަނީ 371 މީހުންނަށެވެ.