އެނިޔުލާ އެކްލިޕްސެއް ނުވަތަ އިރުގެ އަނގޮޓި ކޭތައެއް ހިފާނެ ކަމަށް ފަލަކީ މާހިރުންނާ ހަވަލާދީ ކުރީގެ ރައީސް މައުމޫމް އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ކޭތަ ރާއްޖެ އަށް ފެންނާނީ، ފަޅި ކޭތައެއްގެ ގޮތުގައެވެ. ރާއްޖެ އަށް މި ކޭތަ ހިފަން ފަށާނީ މާދަމާ ހެނދުނު 9:31 ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް 10:51 ގައި ހިފާފައި ހުންނައިރު، ކޭތަ މުޅިން ވީއްލާނީ މެންދުރު 12:14 ގައި ކަމަށެވެ.

މާދަމާގެ އިރުކޭތަ، އަނގޮޓިއެއްގެ ގޮތުގައި އެފްރިކާ އާއި އޭޝިޔާގެ ވަރަށް ގިނަ ސަރަހައްދުތަކަށް ފެންނާނެއެވެ. އޭގެ ތެރޭގައި، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ކޮންގޯ، އިތިއޯޕިޔާގެ އިތުރުން ޕާކިސްތާނުގެ ދެކުނު ސަރަޙައްދާއި އިންޑިޔާގެ އެންމެ އުތުރު ސަރަހައްދާއި ޗައިނާ ހިމެނޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފަޅި ކޭތައެއްގެ ގޮތުގައި މި ކޭތަ ފެންނާނެ ގައުމުތަކުގެ ތެރޭގައި، ރާއްޖެ އާއި އުތުރު އަދި އިރުމަތީ އެފްރިކާގެ ގައުމުތަކާއި، ޔޫރަޕްގެ އިރު ދެކުނު ސަރަހައްދާއި، އޭޝިޔާގެ ގިނަ ގައުމުތަކާއި، އޮސްޓްރޭލިޔާގެ އުތުރު ސަރަޙައްދު ހިމެނޭ ކަމަށެވެ.

އެނިޔުލާ އެކްލިޕްސެއް ނުވަތަ އިރުގެ އަނގޮޓި ކޭތައެއް / ފޮޓޯ: ހައުސް ބިއުޓިފުލް

އިރުކޭތަ ހިފަން މެދުވެރިވަނީ ދުނިޔޭގެ ވަށައިގެން ހަނދު ބުރުޖަހަމުން ދާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެ، އިރުގެ އައްޔަށް ހުރަސް އެޅުމުންނެވެ. އިރުކޭތަ ތިން ގޮތަކަށް ހުރެއެވެ. އެއް ގޮތަކީ، ޓޯޓްލް އެކްލިޕްސްއެވެ. ފުރިހަމަ ކޭތައެވެ. އެ ކޭތަ ހިފާފައި ހުންނައިރު، އިރުގެ އެއްވެސް ތަންކޮޅެއް ފެންނާކަށެއް ނުހުންނާނެއެވެ. ފެންނާނީ، ވަށައިގެން ގަދަ އައްޔެއް ހުރި ކަޅު ބޯޅައެއްގެ ސިފައިގައެވެ.

ދެވަނަ ގޮތަކީ، އިރުގެ ފަޅި ކޭތައެވެ. ޕާޝަލް އެކްލިޕްސްއެވެ. މި ކޭތަ ހިފާފައި ހުންނައިރު، އިރުގެ އެއް ބައި ފެންނަން ހުންނާނެއެވެ. އަނެއް ބައި ހުންނާނީ ފޮރުވިފައެވެ. ތިން ވަނަ ގޮތަކީ، އެނިޔުލާ އެކްލިޕްސްއެވެ. ނުވަތަ އަނގޮޓި ކޭތައެވެ. މި ކޭތަ ފެންނައިރު ހީވާނީ ބޮޑު ކަޅު ބޯޅައެއްގެ ވަށައިގެން ވަރަށް ހަނި އަލި ބޮޅެއް ހުންނަ ހެންނެވެ. އަނގޮޓިއެއްގެ ސިފައިގައެވެ.

ރައީސް މައުމޫނަކީ، ފަލަކީ އިލްމަށް ހާއްސަ ޝައުގުވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. އިރު ކޭތަ އާއި ހަނދު ކޭތަތަކުގެ އިތުރުން ޖައްވީ އެހެން ކަންކަމާ ގުޅޭ ދިރާސާތައް ހައްދަވާ އުޅުއްވައެވެ. އެގޮތުން މާދަމާގެ އިރުކޭތައިގެ މައުލޫމާތު އެމަނިކުފާނު އާންމު ކުރެއްވީ، އެމަނިކުފާނު މީޑިއާއަކަށް ލިޔުއްވި އާޓިކަލްއެއް މެދުވެރިކޮށެވެ.