ސަލާމަތާ އިގުތިސޯދީ ގޮތުން ނުރައްކާތަކާ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައި އޮތެއް ކަމަކު، ދުނިޔޭގެ އެކި ހިސާބުތަކުން ހާލުގައިޖެހި ގެދޮރު ގެއްލިފައިވާ ރެފިއުޖީންނަށް ހިމާޔަތާ އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކަށް ބައިނަލްއަގުވާމީ އެއްބާރުލުމާ، އިންވެސްޓްމަންޓްގެ އެހީތެރިކަން ބޭނުންވާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުން ދާ މިއަހަރުގެ ރެފިއުޖީންގެ ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، އަމިއްލަ ފަސްގަނޑުގައި ހުރި ގޮންޖެހުންތަކާ އެކުގައިވެސް ރެފިއުޖީންނަށް ހިމާޔަތާ ރައްކާތެރުކަން ދެމުންދާ ފަރާތްތަކަށް އިންތިހާ ތައުރީފު ހައްގުވާ ކަމަށެވެ.
ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް) އިން ރިޕޯޓްކުރާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. 2019 ވަނަ އަހަރު ނިމުނު އިރު ރެފިއުޖީންގެ އަދަދު 79.5 މިލިއަނަށް އަރާފައިވާކަމަށާ، މީގެ ތެރެއިން 10 މިލިއަނެއްހާ މީހުންނަކީ މިދިޔަ އަހަރު ގެދޮރު ގެއްލި އެހެން ތަންތަނުގައި ހިޔާވަހިކަން ހޯދަން މަޖުބޫރުވި މީހުން ކަމަށް ޔޫއެންއެޗްސީއާރްގެ ރެކޯޑްތަކުން ދައްކައެވެ.
ގުޓެރޭޒް ވިދާޅުވީ ރެފިއުޖީންގެ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބުތައް ކަމުގައި ވާ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ އިތުރުން ލާއިންސާނީ އަނިޔާ ދިނުމާ ފުރައްސާކުރުމާ ތަފާތު ކުރުންތައް ހުއްޓުމަކަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އދއިން ވައުދު ވާ ކަމަށެވެ.
މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެއިން ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅަކަށްވާއިރު، މި ހަނގުރާމައިގެ އެންމެ ކުރީ ސަފުގައިވެސް ރެފިއުޖީން ހިދުމަތް ކުރަމުންދާކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ. ބަންގްލަދޭޝްގެ ކޭމްޕުތަކާ ވިލާތުގެ ހޮސްޕިޓަލުތަކަށް ބެލި ކަމުގައި ވީ ނަމަވެސް، ނަރުހުންނާ، ޑޮކްޓަރުންނާ، ސައެންސްވެރިންގެ އިތުރުން ޓީޗަރުންގެ ގޮތުގައިވެސް ރެފިއުޖީންގެ ހިދުމަތްތައް، އެމީހުންނަށް ހިމާޔަތްދޭ ގައުމުތަކާ އެމީހުންގެ އާބާދީތަކަށް ފޯރުކޮށްދެމުންދާކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.
އަމިއްލަ ދިރިއުޅުމުގެ އިތުރުން ވަށައިގެން އެކުގައިވި މީހުންގެ ދިރިއުޅުން ކޮޅަށް ޖަހާ ދިނުމަށް ރެފިއުޖީންގެ ހިތުގައި ދައުރުވާ ވަރުގަދަ އަޒުމާ، ރެފިއުޖީންގެ ފަރާތުން ލިބެމުންދާ ހިދުމަތްތައް ފާހަގަކުރައްވާ، ގުޓެރޭޒް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރެފިއުޖީންނަށް ޝުކުރު ދަންނަވާފައެވެ.
ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ވަނީ ދުވަހާ ގުޅުވައިގެން ހާއްސަ އިމޯޖީއެއްވެސް ތައާރަފުކޮށްފިއެވެ.