ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ދުނިޔެ މިސްރާބު ޖަހާފައިވަނީ އާ، އަދި ނުރައްކާތެރި މަރުހަލާއަކަށް ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ދެއްވައިފިއެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ހުންނަ ޑަބްލިއުއެޗްއޯގައި މަރުކަޒީ އިދާރާގައި ކުރިއަށް ގެންދެވި ވާޗުއަލް ޕްރެސް ބްރީފެއްގައި ޑރ ޓެޑްރޯޒް ވިދާޅުވީ، އަދިވެސް ހަލުވިކަމާއެކު ވައިރަސް ފެތުރެމުން ދާ ކަމަށާ، މިއީ އަދިވެސް ހަމަ އިންތިހާއަށް ނުރައްކާތެރި ބަލިމަޑުކަމެއް ކަމަށާ، ގިނަ ބަޔަކު އަދިވެސް ތިބީ މިކަމުގެ ޝިކާރައަކަށް ވުމުގެ ނުރައްކަލުގައި ކަމަށެވެ.

މިއާއެކު ޑރ ޓެޑްރޯޒް ވަނީ ޖިސްމާނީ ގައިދުރުކަން އިސް ކުރުމަށާ، މި ބަލި ޖައްސާ ވައިރަހަށް އިންތިހާއަށް ފާރަވެރިވެ ތިބުމަށް ހުރިހާ އެންމެނަށް ގޮވާލައްވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް (ކ) އަދި އެއިދާރާގެ ކުއްލި ނުރައްކާތަކާ ބެހޭ އިސްވެރިޔާ ޑރ މައިކް ރާޔަން/ފޮޓޯ: ޑެނިއަލް ބެލިބޫސް

މި ނުރައްކާތަކާ އެކުގައިވެސް ދަނޑިވަޅަކީ ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކަކަށް ލުއި ދެމުންދާ ދަނޑިވަޅަކަށް ވާއިރު، ޑަބްލިއުއެޗްއޯގެ ކުއްލި ނުރައްކާތަކާ ބެހޭ އިސް އޮފިޝަލު ޑރ މައިކް ރާޔަން ވަނީ، މި ހާލަތުގައި ސައެންސްގެ އަލީގައި ކަންކަން ނިންމާ، ދެމިގެންދާ މަރުހަލާތަކަކަށް ބަހާލައިގެން ކަންކަން ނިންމުމަށް ގައުމުތަކަށް ގޮވާލައްވާފައެވެ.

ލޮކްޑައުންއަށް ލުއި ދެވެން ޖެހޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާ، މި ފިޔަވަހިތަކަކީ ތަފާސް ހިސާބުތަކުގެ އަލީގައި ސާބިތުކޮށްދެވެނިވި ފިޔަވަޅުތަކަކަށްވެސް ވާންޖެހޭ ކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ޑރ ރާޔަން ވިދާޅުވީ، އާ ކްލާސްޓާތައް ފެންނަމުން ދިއުމަކީ 2 ވަނަ ރާޅެއް އައުން ނޫންކަމަށާ، އެއް ރާޅުގައި 2 ޕީކްވެސް އައިސްދާނެ ކަމަށެވެ.

ޑރ ރާޔަން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ޖަރުމަނުވިލާތް، ޗައިނާ އަދި ދެކުނު ކޮރެއާއިން އަމަލުކުރަމުންދާ ގޮތަށް ތައުރީފު ކުރައްވާ، އެކަން ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 8.7 މިލިއަނަށްވުރެ ގިނަ މީހުން މިހާރު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި 462519 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި ބައްޔަށް ވަކި ފަރުވާއެއް އަދިވެސް ހޯދިފައެއް ނުވެއެވެ.