މާލޭ ހުޅަނގު ފަރާތް ހިއްކައިގެން ހަދާފައިވާ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ސަރަހައްދުގައި ޕާކޮށްފައި ހުރި ހުރިހާ ވެހިކަލްތަކެއް މިމަހުގެ 18 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގައިފައިވާ ކަމަށެވެ.

މާލޭގެ ހުޅަނގު ފަރާތުން ހިއްކައިގެން ހަދާފައިވާ ސަރަޙައްދު (އިންޑަސްޓްރިއަލް ވިލެޖު) އެ ކައުންސިލާއި ވެމްކޯ ގުޅިގެން ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި އެހެންކަމުން އެސަރަޙައްދުގައި ޕާކު ކޮށްފައި ހުރި ހުރިހާ ވެހިކަލްތަކެއް ދީފައިވާ މުއްދަތުގެ ތެރޭގައި ނެގުމަށް އެތަކެތީގެ ވެރިފަރާތް ތަކަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

އިންޑަސްޓްރިއަލް ޒޯނުގައި ހުރި ވެހިކަލްތަކުގެ ތަފްޞީލު:

  • އަލަށް އެތެރެކޮށް ރަޖިސްޓްރީ ނުކުރާ ވެހިކަލްތަކުގެ އަދަދު 37
  • ބާވެ ނުދުއްވާ ދޫކޮށްލާފައި ވާކަމަށް ބެލެވޭ ވެހިކަލްތަކުގެ އަދަދު 37
  • ކޮންސްޓްރަކްޝަން މަސައްކަތްތަކުގައި ބޭނުންކުރާ ވެހިކަލްތަކުގެ އަދަދު 9
  • އާއްމުކޮށްދުއްވާ ބޭނުން ކުރުމަށް ފަހު ޕާކުކޮށްފައި ހުރި ވެހިކަލްތަކުގެ އަދަދު 348
  • ކުނިބަރުކޮށް ކުންޏާއެކީ ޕާކުކޮށްފައި ހުރި ވެހިކަލްތަކުގެ އަދަދު 18
  • އިންޑަސްޓްރިއަލް ޒޯނުގައި މިހާރު ހުރި ވެހިކަލްތަކުގެ ޖުމްލަ އަދަދު - 449

އަދި ދީފައިވާ އެ މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފި ނަމަ ސިޓީ ކައުންސިލްގެ ފަރާތުން ފުލުހުން މެދުވެރިކޮށް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެތަކެތި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގައި އެ ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އެސަރަހައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައްވެސް ދީފައިވާ މުއްދަތުގެ ތެރޭގައި ނުނަންގައިފިނަމަ އުކާލެވޭނެ ކަމަށްވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ވެއެވެ.