ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާ މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ނުވަތަ ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނީ އެ ޕްރޮގްރާމަކީ އެޑިޔުކޭޝަން މިނިސްޓްރީ، ޔުނިސެފް އަދި ދިވެހި ރެޑްކްރެސެންޓް ގުޅިގެން ފެށި ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަމަށާއި މިހާތަނަށް 407 މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީން ވަނީ ދެވިފައިވާ ކަމަށެވެ.
އެ ޕްރޮގްރާމަކީ ކޮވިޑް-19އާއި ގުޅިގެން އެކިގޮތްގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ފެށި ޕްރޮގްރާމެއް ކަމަށްވެސް އެޑިޔުކޭޝަނުން ބުނެއެވެ.
ސްކޫތައް އަލުން ހުޅުވުމުން ދަރިވަރުން އެންމެ ފުރަތަމަ ބައްދަލުވެ ވާހަކަ ދައްކާނޭ ބަޔަކަށް ވެގެންދާނީ ޓީޗަރުންނަށް ވެފައި، ޓީޗަރުންނަކީ ދަރިވަރުންނަށް މިކަމާ ގުޅިގެން ދިމާވާ ހާސްކަމަށް ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ފަދަ ގާބިލް ބަޔަކަށް ހެދުންވެސް މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް އެޑިޔުކޭޝަނުން ބުނެއެވެ.
އެ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި މުދައްރިސުން ތަމްރީން ކުރުމަށްފަހު، ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ކައުންސެލަރުންނަށް އިތުރު ތަމްރީން ދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި ކައުންސިލަރުން އިތުރަށް ތަމްރީން ކުރަނީ ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދިނުމަށްފަހު އިތުރަށް އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަކޮށް އެދަރިވަރުންނަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތައް ހުޅުވިގެންދާއިރު ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ފިޔަވަޅު ތަކެއް އެޅިގެންދާނެ ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމް ހިމެނެނީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ކަމަށާއި އެ ތަމްރީންގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރުމާއި، އެފަދަ ދަރިވަރުންނާމެދު އަޅާލުމުގައި އަމަލުކުރަންވީ ގޮތާއި، އެފަދަ ދަރިވަރުންނަށް އެހީތެރި ވެވޭނެ ގޮތްތަކާއި މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނަންޖެހޭ ކަންކަން ހިމެނޭ ކަމަށްވެސް އެޑިޔުކޭޝަނުން ބުނެއެވެ.
އެ ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ދިވެހި ރެޑްކްރެސެންޓްގެ ތަމްރީންދޭ ފަރާތްތަކުން ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.