ކޮވިޑް-19އާ ގުޅިގެން ދަރުބާރުގޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެންއީއޯސީ) ހިންގާ އޮޕަރޭޝަންގެ ފްރޮންޓްލައިންގައި ހަރަކާތްތެރި ވަމުން ދިޔަ ސްކައުޓެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސްކައުޓް އެސޯސިއޭޝަނުން މައުލޫމާތު ދެމުން ބުނީ ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ދެ ސްކައުޓެއްގެ ޓެސްޓް ނެގިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ސްކައުޓެއްގެ ނަތީޖާ ލިބުނު އިރު އެ ނަތީޖާ ބައްޔަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.

އެ ސްކައުޓް ވަނީ އިއްޔެ ސާމްޕަލްގެ ނަތީޖާ ލިބުމާއެކު ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކޮށްފައި ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

އިތުރުން އެ އެސޯސިއޭޝަނުން ބުނީ ޕޮޒިޓިވްވި ސްކައުޓްގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އޭގެ ތެރެއިން ފާހަގަވި ކޮންޓެކްޓްސް އަކަހެރި ކޮށްފައިވާ ކަމަށެވެ.

މިއީ ފްރޮންޓްލައިންގައި މަސައްކަތް ކުރި ސްކައުޓް އެސޯސިއޭޝަންގެ ފުރަތަމަ ޕޮޒިޓިވް ކޭސްއަށް ވީ ނަމަވެސް މީގެ ކުރިން އެ އެސޯސިއޭޝަންގައި މަސައްކަތް ކުރާ އިތުރު ސްޓާފަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ސްކައުޓް އެސޯސިއޭޝަނުން ދަނީ ފްރޮންޓަ ލައިންގެ އިތުރުން އެކި ގޮތްގޮތައް ކޮވިޑްގެ މިހާލަތުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މާލޭގައި 50 އާ ގާތް ކުރާ އަދަދެއްގެ ސްކައުޓުން އަމަލީ ގޮތުން ހަރަކާތްތެރި ވަމުން ދާ ކަމަށާއި ރަށްރަށުގައި އުފެދިފައިވާ ޓާސްކްފޯސް ތަކުގައި ގާއިމް ކޮށްފައިވާ ސޯޝަލް ސަޕޯޓް ޓީމުތަކުގައިވެސް ރޯވާ ސްކައުޓުންނާއި ލީޑަރުން ގެންދަނީ މުހިންމު ދައުރެއް އަދާކުރަމުން ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ ރާއްޖެއަށް މިހާރު ކުރިމަތި ވެފައި މިވާ ބަލިމަޑުކަމުގެ ހާލަތުގައާއި، އަދި ހާލަތު ބަދަލުވެގެންދާ ދަނޑިވަޅެއްގައި ވެސް ސަރުކާރާއި، ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އެސޯސިއޭޝަން އޮތީ ތައްޔާރަށް ކަމަށެވެ.