ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން މިހާތަނަށް 2499 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ފޮރިން މިނިސްތަރީން ބުނީ 21 އެޕްރީލް އިން ފެށިގެން މިއަދުގެ ނިޔަލަށް ފޮނުވާލެވުނު މީހުން ފޮނުވާލާފައި ވަނީ މޯލްޑިވިއަން އިން ބޭއްވި 11 ފްލައިޓަކާއި ބަންގްލަދޭޝްގެ ބިމާން އެއާގެ ފްލައިޓެއްގެ އިތުރުން ބަންގްލަދޭޝްގެ އަސްކަރީ ދެ މަތިންދާބޯޓަކާ އަދި ރާއްޖޭގައި ގަވާއިދާ އެއްގޮތަށް އުޅެމުންދާ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ ގައުމަށް ދިޔުމަށް ބޭނުންކުރި މޯލްޑިވިއަންގެ ރިޕަޓްރިއޭޝަން ފްލައިޓެއް މެދުވެރިކޮށް ކަމަށެވެ.

އެގޮތުން ގައުމީ މޯލްޑިވިއަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އިތުރު 200 މީހުން އެ ގައުމަށް ގެންގޮސްފައިވާ ކަމަށެވެ.

މިމަހުގެ ތެރޭގައި އެކަނިވެސް މޯލްޑިވިއަނުން ވަނީ ތިން ފަހަރެއްގެ މަތިން ބަންގްލަދޭޝް ރައްޔިތުންނާ އެކު އަނބުރާ އެގައުމަށް ދަތުރު ކޮށްފައެވެ. އެގޮތުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބަންގްލަދޭޝް 200 މީހަކު، މި މަހުގެ ނުވަ ވަނަ ދުވަހު ގައުމަށް ފޮނުވާލި އިރު 16 ވަނަ ދުވަހާއި 19 ވަނަ ދުވަހު ވަނީ ރާއްޖޭގައި ދިރިއުޅެމުން ދިޔަ އިތުރު 400 މީހަކު އެ ގައުމަށް ފޮނުވާލާފައެވެ.

ނިމިގެން ދިޔަ މެއި މަހުގެ ތެރޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި 5،000 އެއްހާ މީހުން ފޮނުވާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުގެ ފަރާތުން ކުރެވެމުންދާ ކަމަށެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ނިމިދިޔަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.