ޗައިނާގެ ވެރިރަށް ބެއިޖީންގެ އެންމެ ބޮޑު ހޯލްސޭލް މާކެޓް ކަމަށްވާ ޝިންފާދީން ފެންމަތިވި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކްލަސްޓާއާއި ގުޅުންހުރި ވައިރަހުގެ ޖެނެޓިކް ސީކުއަންސް މައުލޫމާތު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާއި ހިއްސާ ކޮށްފައިވާކަމަށް ޗައިނާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ހާމަކޮށްފިއެވެ.
ބެއިޖީންގް އިން މިފަހަކަށް އައިސް ފެނުނު އާ ކްލަސްޓާ ގުޅިފައިވަނީ ޝިންފާދީ ހޯލްސޭލް މާކެޓްގައި ސެމަންގެ ވިޔަފާރިއަށް ބޭނުން ކުރަމުންދިޔަ ކަޓިންގްބޯޑުތަކަކުން ކަމަށްވާއިރު، ޗައިނާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެ ކުރިމަތިވަނީ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
މިއަދު މުޅި ދުނިޔެ އިނދަޖައްސާލާފައިވާ ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓާރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2)ވެސް އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ ޗައިނާގެ ބާޒާރަކާއެވެ.
ޝިންފާދީ މާކެޓް ސަރަހައްދުގެ ކްލަސްޓާއާއި ގުޅިފައިވާ ކޭސްތައް އަދިވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 21 ކޭހެއް ފާހަގަ ކުރެވިފައިވާއިރު، މި ކްލަސްޓާއިން ފާއިތުވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 150އަށް ވުރެ މައްޗަށް އަރާފައެވެ.
ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބެއިޖީންގްގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 އަށް ޓެސްޓު ކުރަމުންނެވެ. އަދި ބެއިޖީންގްގެ ބޮޑު ސަރަހައްދެއް ލޮކްޑައުންކޮށްފައެވެ. ޝިންފާދީގައި ފެތުރެމުންދާ ވައިރަހަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ޖައްސާ ވައިރަހާ ތަފާތުތަކެއް އެކުލެވޭ ވައިރަހަކުން ޖައްސާ ވައިރަހެއް ކަމަށް އަޑުތައް ފެތުރިފައިވާއިރު، ޑަބްލިއުއެޗްއޯއިންވެސް ވަނީ މި ވައިރަހުގެ ޖެނެޓިކް ސީކުއަންސް އެ އިދާރާއާއި ހިއްސާކޮށްދިނުމަށް ޗައިނާގެ ކިބައިން އެދިފައެވެ.