މާލެއިން ގއ. މާމެންދުއަށް ދިޔަ އެ ރަށު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެއިން މާމެންދުއަށް އޭނާ ގޮސްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އޭނާގެ ގައިން ބަލީގެ އަލާމަތްތައް ފެންނާތީ ބައްޔަށް ޓެސްޓް ކޮށްފައި ވަނީ މި ދިޔަ އަންގާރަ ދުވަހުއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވީ އުމުރުން 28 އަހަރުގެ މީހެކެވެ. އޭނާއާއެކު އާއިލާގެ އިތުރު ދެ މީހުން ވެސް މާމެންދު އަށް ދިޔައެވެ. ނަމަވެސް އެ މީހުންގެ ޓެސްޓެއް އަދި ނުކުރާ ކަމށް މައުލޫމާތު ލިބެއެވެ.
މާލެއިން މާމެންދުއަށް ދިޔަ މީހުން ތިބީ ހޯމް ކަރަންޓީންގައެވެ. ނަމަވެސް އޭނާ ރަށަށް ގޮސްފައިވަނީ ވައިގެ މަގުންނެވެ. އެހެންކަމުން މިހާރު އޭނާގެ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިއީ މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން ރަށަށް ފޮނުވަން ފެށިފަހުން މިގޮތަށް ފެނުނު ދެވަނަ ކޭސްއެވެ. މި މަހުގެ 12 ވަނަ ދުވަހު ވަނީ މާލެއިން އައްޑޫ ސިޓީއަށް ދިޔަ މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.