އެއްގަމު އުޅަނދުފަހަރުގައި ދަތުރު ކުރާއިރު މާރުކުރަން ނުޖެހޭ ގޮތަށް ދަތުރަށް ބޭނުންވާ އަދަދަށް ފައިސާ ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް-19 އާ ގުޅިގެން އެއްގަމު އުޅަނދުތަކުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ. އެ އުސޫލުގައި ބުނާގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ކަމާއެކު އާންމު ހާލަތަށް ރުޖޫއަ ވުމަށް އެއްގަމު އުޅަނދުތަކުން ހިދުމަތް ދިނުމުގައި ޓެކްސީ ވޭން އަދި ޕިކަޕު ފަދަ އުޅަނދުތަކުގައި ނަގުދު ފައިސާ ބޭނުން ކުރުން މަދުކުރެވޭނެ ފަދަ އިންތިޒާމްތައް ހަމަޖެއްސުމަށް އެދިފައި ވެއެވެ. ހަމައެއާއެކު މިފަދަ އުޅަނދުތަކުން ހިދުމަތް ހޯދާ ފަރާތްތަކުން ނަގުދު ފައިސާއިން ދަތުރުގެ ފައިސާ ދައްކާ އިރު މާރުކުރަން ނުޖެހޭގޮތަށް ދަތުރަށް ބޭނުންވާ އަދަދަށް ފައިސާ ދިނުމަށް ސަމާލުވުމަށް ޓްރާންސްޕޯޓުން ބުނެއެވެ.
ޑުރައިވަރާއި ދަތުރުވެރިންގެ ސިއްހަތާއި އަމިއްލަ ސާފުތާހިރުކަން ދެމެއްހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގައި ބުނާގޮތުގައި ކޮވިޑްގެ އަލާމާތެއް ހުރިނަމަ ޑްރައިވަރު މަސައްކަތަށް ނުނިކުތުމަށާއި އަދި ދަތުރުވެރިންވެސް އަލާމާތް ހުރި ނަމަ ދަތުރު ނުކޮށް ގޭގައި އެކަހެރިވެ ހުރުމަށް އަންގައެވެ. އަދި ދަތުރު ކުރާ ވަގުތު ޑްރައިވަރުގެ އިތުރުން ދަތުރުވެރިން ވެސް މާސްކް އަޅައިގެން ތިބުމާއި މާސްކް އެޅުމުގައި އެޗްޕީއޭގެ އުސޫލާ އެއްގޮތަށް އަމަލު ކުރުމަށް ޓްރާންސްޕޯޓުން ބުނެއެވެ. ހަމައެއާއެކު މަސައްކަތުގެ ހުރިހާ ވަގުތެއްގައި ސާފުތާހިރު ހެދުމެއްގައި ސާފުތާހިރުކޮށް ޑްރައިވަރުން ތިބުމަށާއި ދަތުރުގެ ވަގުތު ދަތުރުވެރިންނާ މަދުވެގެން 3 ފޫޓު ގެ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ޓްރާންސްޕޯޓުން ބުނެއެވެ.
މީގެ އިތުރުން ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން ގިނަގިނައިން އަތް ދޮވުމާއި އަތުގައި އެއްވެސް އެއްޗެއް ހޭކި ހަޑިވެފައި ނުވާނަމަ ސެނިޓައިޒާ ބޭނުން ކުރެވިދާނެ ކަމާއި ތަންތަނުގައި އަތްލުމަށް ފަހު އަތް ސާފުނުކޮށް ނޭފަތާއި އަނގަޔާއި ލޮލުގައި އަތް ނުލުމަށް އެ އުސޫލުގައި ވެއެވެ. އަދި ޑިއުޓީ ގަޑި ނިމުމުން، ލައިގެން ހުރި ޔުނިފޯމް ނުވަތަ ހެދުން، ގެއަށް ގޮސް ބަދަލުކޮށް އެއެއްޗެތި ދޮވެގެން ނޫނީ އަލުން ބޭނުން ނުކުރުމަށް އަންގައެވެ.
ޓްރާންސްޕޯޓުން އާންމު ކުރި އުސޫލުގައި އެއްގަމު އުޅަނދުފަހަރުގައި ދަތުރުކުރާ އިރު ދަތުރުވެރިން ސަމާލުކަން ދޭންޖެހޭ ކަންކަން ހިމެނެއެވެ.
ދަތުރުކުރާ މީހުން އަމަލުކުރަން ޖެހޭ ގޮތް:
- ކޮވިޑްގެ އަލާމާތް ހުރި ނަމަ ދަތުރުފަތުރު ނުކުރުން.
- މާސްކް އެޅުން، މާސްކް އެޅުމުގައި އެޗްޕީއޭގެ އުސޫލާ އެއްގޮތަށް އަމަލުކުރުން.
- ޑްރައިވަރާ އެކު ކުރީ ސީޓަށް ނޭރުން.
- ދަތުަުމަތީގައި ކާރުގެ އެކިތަންތަނުގައި އަތް ނުހޭކުން، އަދި ނޭފަތާއި ލޮލާއި މޫނުގައި އަތް ނުދޮވެ އަތް ނުހޭކުން.
- ކޭޝްލެސް ޕޭމަންޓް ހެދުން ނުވަތަ މާރުކުރަން ނުޖެހޭގޮތަށް ދަތުރަށް ބޭނުންވާ އަދަދަށް ފައިސާ ދިނުން.
- ސައިބޯނި ލައިގެން 20 ސިކުންތު ވާންދެން އަތް ދޮވުން ނުވަތަ އަތުގައި ހަޑިއެއްޗެއް ހޭކިފައި ނުވާނަމަ ސެނެޓައިޒާ ބޭނުންކުރުން.
އުޅަނދު ސާފުކުރުމާއި ޑިސްއިންފެކްޓް ކުރުމުގައިި ކަންކުރަން ޖެހޭ ގޮތުގެ އުސޫލުތައް ބުނާގޮތުގައި، ދުވާލަކު މަދުވެގެން 2 ފަހަރު އުޅަނދުގެ އެތެރޭގާ ގިނައިން އަތްލެވޭ ތަންތަން ސައިބޯނި ފެންފޮތި ނުވަތަ އުޅަނދު ސާފުކުރުމަށް ބޭނުންކުރާ ޑިޓާޖެންޓެއް ބޭނުކޮށްގެން ރަނގަޅަށް ސާފުކުރުން ހިމެނެއެވެ. ކޮންމެ ދުވަހެއްގެ ދަތުރުތައް ނިންމުމަށް ފަހު އުޅަނދުގެ އެތެރެއާއި ބޭރު ޑިޓާޖެންޓެއް ބޭނުންކޮށްގެން ރަނގަޅަށް ދޮވެ ސާފުކުރުމާއި އުޅަނދު ޑިސްއިންފެކްޓް ކުރާ ކެމިކަލެއް ނުވަތަ 70 ޕަސެންޓް އަލްކަހޯލް ހިމެނޭ ޑިސްއިންފެކްޓެންޓެއް ބޭނުން ކޮށްގެން އެތެރެއާއި ދޮރުފަތް ޑިސްއިންފެކްޓް ކުރުން ހިމެނެއެވެ.
އަދި ހޮޑު/ކުޅު ފަދަ އެއްޗެހި އުނގުޅިފައި/ހޭކިފައި ހުންނަ ތަންތަން އަންގި ލައްވައިގެން ޓިޝޫ ފަދަ އެއްޗަކުން ފުހެލުމަށް ފަހު ސައިބޯނި ފެނުން ރަނގަޅަށް ސާފުކުރުމަށާއި އުޅަނދު ސާފުކުރުމަށް ފަހު ރަނގަޅަށް އަތް ސާފުކުރުމަށާއި ސާފުކުރުމަށް ބޭނުންކުރާ ތަކެތި އުޅަނދުގައި އަބަދުވެސް ބެހެއްޓުންމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.