މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް 446 ދިވެހިން ރާއްޖެ އައިސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން އަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ހޯދައިދިނުމަށް ފޮރިން މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު ދުވަސް ތެރޭގައި އައި 5 ފްލައިޓަކުން ދިވެހިން ރާއްޖެ އައިސްފަިއވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ޖޫން 15 ވަނަ ދުވަހު މެލޭޝިއާއިން އައި މޯލްޑިވިއަންގެ ފްލައިޓްގައި 198 ދިވެހިން އައި ކަމަށާއި، އިއްޔެ މެލޭޝިއާއިން އައި މޯލްޑިވިއަންގެ ފްލައިޓްގައި 175 ދިވެހިން އައި ކަމަށެވެ.
އަދި ޖޫން 16 ވަނަ ދުވަހު އިންޑިއާގެ ބެންގަލޯރުން ރާއްޖޭގައި ތިބި އެގައުމުގެ މީހުން ބަލާ އައި ފްލައިޓްގައި 54 ދިވެހިން އައި ކަމަށާއި އިއްޔެ އިންޑިއާގެ ވެރިރަށް ދިއްލީން ރާއްޖޭގައި ތިބި އެގައުމުގެ މީހުން ބަލާ އައި ފްލައިޓްގައި 10 ދިވެހިން އައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ހަމައެއާއެކު ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާ އެގައުމުން އައި ފްލައިޓެއްގައި މިއަދު ދެ ދިވެހިން އައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ ޖޫން 16 ވަނަ ދުވަހު ނޭޕާލުން އައި ފްލައިޓްގައި 7 ދިވެހިން ރާއްޖެއަށް އައި ކަމަށާއި މިއީ ރާއްޖޭގައި ތިބި ނޭޕާލް މީހުން ބަލާ އައި ފްލައިޓެއް ކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ރިޕަޓްރިއޭޝަން ފްލައިޓްތަކުން ޖާގަ ލިބުމުން އެފުރުސަތު ބޭނުން ނުހިފާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން ލަންކާއިން އައި ފްލައިޓްގައިވެސް ގިނަ އަދަދެއްގެ ހުސް ޖާގަ ހުރި، ނަމަވެސް އަނެއްކާވެސް އަނބުރާ އަންނަން ބޭނުންވެގެން ލަންކާގައި ތިބި ބައެއް ދިވެހިން އެބަ އެދޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިފަދަ ފުރުސަތު ތަކަކީ ބޭނުން އިރަކު ލިބޭނެ ފުރުސަތެއް ނޫންކަމުން، ފްލައިޓްތައް އޮންނަ ތާރީޚުތަކުގައި ރާއްޖެއަށް އަންނަން ޖެހޭ ފަރާތްތަކުން ރާއްޖެއަށް އައުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.