ރާއްޖޭގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީގެ "ދަރަންޏަށް ލުޔެއް" ޕްރޮގްރާމް އަލުން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ފެން ކުންފުނީގެ ބައެއް ކަސްޓަމަރުންނަށް ބިލް ދެއްކުމުގައި ދިމާވެފައިވާ ދަތިތަކަށް ލުއެއް ދިނުމަށް އެ ކުންފުނިން ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހާއްސަ ޕްރޮގްރާމެއް ފަށާފައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން މި ފުރުސަތުގެ ބޭނުން ގިނަ ކަސްޓަމަރުންނަށް ނުހިފޭތީ އެ ކުން ފުނިން ވަނީ މި ޕްރޮގްރާމް އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ފެންބިލުގެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުން ތަހައްމަލު ކުރަން ޖެހިފައިވާ ދަތިކަމަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ތައާރަފްކޮށްފައިވާ "ދަރަންޏަށް ލުޔެއް" ޕްރޮގްރާމް 2021، މާޗް 17ގެ ނިޔަަލށް އިތުރު ކުރުމަށް ފެން ކުންފުނިން ވަނީ ނިންމާފައެވެ. އެހެންކަމުން 2021، މާޗް 17ގެ ކުރިން ފެން ބިލަށް ދައްކާ ފައިސާގެ އިންސައްތައިގެ ނިސްބަތުން ޖޫރިަނާ މައާފް ކުރެވޭނެ ކަމަށް ފެން ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ފެން ބިލަށް ދައްކަން ޖެހޭ ފައިސާ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް މަހުންމަހަށް ބަހާލައިގެން ލުއި ފަސޭހަ ގޮތެއްގައި ފައިސާ ދައްކާ ހަލާސް ކޮށްގެން ވެސް ޖޫރިމަނާ މާފު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ފެން ކުންފުނިން ބުނެއެވެ.

ފެން ކުންފުނިން ވަނީ މި ހެޔޮ ބަދަލާއެކު ލިބުނު ފުރުސަތުގެ ބޭނުންކޮށް، ދައްކަން ޖެހޭ ފައިސާއާ މެދު ގޮތެއް ނިންމުމަށްފަހު ދަރަނި ހަލާސް ކުރުމަށް އިލްތިމާސްކޮށްފައެވެ. އެ ކުންފުނިން ބުނީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އަބަދުވެސް އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދިި ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކަސްޓަމަރުންގެ ފަރާތުން މަހުން މަހަށް ފެން ބިލަށް ފައިސާ ދެއްކުމަކީ އެކުންފުނިން ބާރު އަޅާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ 24 ގަދިއިރު ގުޅޭ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ކުރުމުން ލިބޭނެ ކަމަށެވެ.