ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ނަސްރު ލިބިފައިވާ ކަމަށް އިއުލާން ކޮށްފައި ވަނިކޮށް އެ ވައިރަހަށް ޕޮޒިޓިވް ވެފައިވާ 2 މީހަކު އެ ގައުމުން ފެނުނީ ނިޒާމު ފެއިލްވެގެން ކަމަށާ، އެއީ ބަލައިގަނެވޭނެ ފެއިލްވުމެއް ނޫން ކަމަށް ނިއުޒީލަންޑްގެ މަގުބޫލު ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިއާ މަގުން އިނގިރޭސިވިލާތުން ނިއުޒީލަންޑަށް ދަތުރުކުރި 2 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާއިރު، މިފަދަ ކަމެއް އަލުން ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށްވެސް އެޑާން ވަނީ ވިދާޅުވެފައެވެ.

ނިއުޒީލަންޑްއިން ކޮވިޑް-19އަށް ޕޮޒިޓިވް ކޭހެއް ނުފެނި 3 ހަފުތާއެއްހާ ދުވަސް ހިފަހައްޓާލާފައި ވަނިކޮށް، އެ ވައިރަހަށް 2 މީހަކު ޕޮޒިޓިވްވިކަން ނިއުޒީލަންޑްއިން ހާމަކުރި މިދިޔަ އަންގާރަ ދުވަހުއެވެ. އެ 2 މީހުންނަކީ، ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންދިޔަ އާއިލީ މެމްބަރަކަށް ޒިޔާރަތް ކުރުމަށް ނިއުޒީލަންޑަށް ދަތުރުކުރި 2 މީހުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޑާން ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޯޑަރު ސަރަހައްދުގައި ނިއުޒީލަންޑުން ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ގޮސްފައި ވާނެ ކަމަށާ، ބޭރަށް ދަތުރު ކުރުމަށްފަހު ނިއުޒީލަންޑަށް އެތެރެވާ ކޮންމެ މީހަކުވެސް ކަމާބެހޭ ފަރާތްތަކުން ބަލަހައްޓާ ފެސިލިޓީއެއްގައި ކަރަންޓީނު ވުމަށް ލާޒިމުވަނީ މި ސަބަބާ ހެދި ކަމަށެވެ.

ޕްރޮޓޮކޯލްތައް ހަމަ އެގޮތުގައި އެބަ އޮތް ކަމަށާ، ފެސިލިޓީތަކުގައި 2 ޓެސްޓު ހެދުމަށް ލާޒިމުވާނެ ކަމަށާ، ފުރަތަމަ ޓެސްޓު ހަދަންޖެހޭނީ ފެސިލިޓީއަށް އަންނަތާ 3 ވަނައަށް ވާ ދުވަހު ކަމަށާ، 2 ވަނަ ޓެސްޓަކީ 12 ވަނަ ދުވަހު ތަކުރާރު ކުރަންޖެހޭނެ ޓެސްޓެއް ކަމަށެވެ. އަންގާރަ ދުވަހު ޕޮޒިޓިވްވި 2 މީހުންގެ ކަންކަންވެސް ގޮސްފައި އޮންނަން ޖެހޭނީ މި މޭރުމުން ކަމަށެވެ. ނަމަވެސް އެކަން ހިނގީ އެހެން ނޫން ކަމަށާ، އެކަމަށް ދައްކާނެ އުޒުރެއް ނެތް ކަމަށްވެސް އެޑާންވަނީ އިއުތިރާފުވެވަޑައިގެންފައެވެ.

އެޑާންވަނީ ނިއުޒީލަންޑްގެ ކަރަންޓީނު ފެސިލިޓީތަކާ ބޯޑަރު އޮޕަރޭޝަންތައް ހިނގާ ގޮތް ބެލުމަށް އަސްކަރީ އޮފިޝަލެއް އައްޔަން ކުރައްވާފައެވެ. އެގޮތުން މި ފެސިލިޓީތަކުން ނިކުންނަ މީހުންގެ ކަންކަންވެސް ގާތުން ބެލިގެންދާނެ ކަން އެޑާން ވަނީ ހާމަކުރައްވާފައެވެ.

އަންގާރަ ދުވަހު ޕޮޒިޓިވްވި 2 މީހުންވަނީ، ހަމްދަރުދީއަށް ބަލާ، އާއިލާގެ މެމްބަރާ ބައްދަލު ކުރުމަށް ރަށު ތެރެއަށް ދަތުރު ކޮށްފައެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ފުރުސަތުވެސް އިތުރު ބަޔަކަށް ނުދެއްވާނެ ކަމަށް އެޑާން ވަނީ ވިދާޅުވެފައެވެ. މިއީ ހަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާ އާއިލީ މެމްބަރުންނާ ބައްދަލުކޮށްލުމަށް ބޭރު ގައުމުތަކުން ގައުމަށް އެނބުރި އަންނަ ނިއުޒީލަންޑްގެ ރައްޔިތުންގެ ހިތްތަކަށް ދަތި ކުރުވާނެ ކަމެއް ކަން އެނގިވަޑައިގަންނަވާ ކަމަށާ، ނަމަވެސް ކޮވިޑް-19އިން އަރައިގަތުމަށް ޖުމުލަ ގޮތެއްގައި ކުރަމުންދާ މަސައްކަތް، މި ހުރިހާ ކަމަކަށް ވުރެ ބޮޑު ކަމަށްވެސް އެޑާން ވަނީ ފާހަގަ ކުރައްވާފައެވެ.