މިދިޔަ އަހަރުގެ ފުރަތަމަ 5 މަސް ދުވަހާ އަޅާ ބަލާއިރު، މި އަހަރުގެ ފުރަތަމަ 5 މަސް ދުވަހު ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ 26 ޕަސަންޓް ދަށަށް ހިނގައްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާ ބަލާއިރު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ 26 ޕަސަންޓް ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރު މި މުއްދަތުގައި އާމްދނަީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު ލިބުނީ 1.1 ބިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު މި މުއްދަތާ އަޅާބަލާއިރު، މިއަހަރު އެކްސްޕޯޓް ކުރި މިންވަރު ވަނީ 76 ޕަސަންޓް ދަށަށް ގޮސްފައެވެ. އެގޮތުން، މިދިޔަ އަހަރު 1.3 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިއަހަރު ކުރީ 991 މިލިއަން ރުފިޔާގެ މުދަލެވެ. އަދި އަހަރު އިމްޕޯޓް 73 ޕަސަންޓަ ދަށަށް ގޮސްފައިވާއިރު، މިދިޔަ އަހަރު 18.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރި ނަމަވެސް މިއަހަރު ކުރީ 13.6 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މޭ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި ތަކެތީގެ 46 ޕަސަންޓް އެކްސްޕޯޓްކުރީ ތައިލެންޑަށެވެ. އަދި 16 ޕަސަންޓަ ތަކެތި ޖާމަނީއަށް އެކްސްޕޯޓް ކޮށްފައިވާއިރު ފްރާންސް، ޔޫކޭ އަދި ޔޫއެސް އަށް ވެސް ވަނީ އެކްސްޕޯޓްކޮށްފައެވެ.
މޭ މަހު ރާއްޖެއަށް އެންމެ ގިނަ ތަކެތި އިންޕޯޓްކޮށްފައި ވަނީ އިންޑިއާ އާއި ޗައިނާ އިންނެވެ. މި ދެ ގައުމުގެ އިތުރުން ސިންގަޕޯރާއި ޔޫއޭއީ އަދި ލަންކާއިން ވެސް ވަނީ ރާއްޖެއަށް މުދާ އެތެރެކޮށްފައެވެ.
މިދިޔަ އަހަރު މޭ މަހު ރާއްޖެއަށް 76 މުދާ އުފުލާ އުޅަނދު އައިސްފައިވާއިރު، 107 މުދާ އުފުލާ އުޅަނދު ވަނީ ފުރައިގެން ގޮސްފައެވެ. ނަމަވެސް މިއަހަރު ރާއްޖެއަށް 38 އުޅަނދު އައިސް، ފުރައިގެން ގޮސްފައި ވަނީ 55 އުޅަނދެވެ.
މިއަހަރުގެ ފުރަތަމަ 5 މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރާއްޖެ އެތެރެކޮށްފައި ވަނީ ފޭސް މާސްކާއި އަތް ދޮންނަ ތަކެއްޗާއި ޑިސްއިންފެކްޓް ކުރާ ތަކެއްޗެވެ. އަދި ބޭހާއި، ނެޕީގެ އިތުރުން ކާޑާއި ފިޔާ، އަލުވި އަދި ކުކުޅު ވެސް އިމްޕޯޓް ކުރި މިންވަރު ވަނީ އިތުރުވެފައެވެ. އާންމުކޮށް ރާއްޖެ އެތެރެ ކުރާ ތަކެތީގެ ތެރެއިން ބިސް، ކިރު، ތަރުކާރީއާއި މޭވާ، ކައްކާ ގޭސް، މެރިން ގޭސް އަދި ޕެޓްރޯލް ރާއްޖެ އެތެރެކުރި މިންވަރު ވަނީ ދަށްވެފައެވެ.
މީގެ އިތުރުން މި މުއްދަތުގައި ކޮވިޑް-19ގެ ސަބަބުން ބޭނުންވާ ތަކެތީގެ ޑިއުޓީގެ ގޮތުގައި 16.2 މިލިއަން ރުފިޔާ ވަނީ މައާފުކޮށްފައެވެ.