ގާނޫނީ ވަކީލު، މަރިޔަމް ޝުނާނާއަށް ކުރާ ފުރައްސާރަ ބަލައި ނުގަނެވޭނެ ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޝުނާނާއަށް ބަޔަކު ފުރައްސާރަ ކުރަމުން ދަނީ، އޭނާގެ ބައްޕަ، އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖޯރޭ) މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.

ޝުނާނާއަށް ކުރާ ފުރައްސާރަތައް ބަލައި ނުގަނެވޭނެ ކަމަށާއި، އެކަން ކުށްވެރިކުރައްވާ ކަމަށް ރައީސް ވަހީދު ވިދާޅުވެފައިވާއިރު، އެމަނިކުފާނު ވަނީ ޖައުފަރުގެ މައްޗަށް ދައުވާ ނުއުފުލުމަށް ނިންމަވަފައެވެ.

މީގެ އިތުރުން ޝުނާނާ ވަނީ އޭނާއަށް ފުރައްސާރަކޮށް، އިންޒާރު ދެމުންދާ ފަރާތްތަކަށް ރައްދެއް ވެސް ދީފައެވެ. އެގޮތުން އޭނާ ކުރި ޓްވީޓެއްގައި ވިދާޅުވީ އޭނާ މިހާތަނަށް މަސައްކަތްކޮށްފައި ވަނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ބެލުމެއް ނެތި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް އެގޮތުގައި ދެމި ހުންނާނެ ކަމަށެވެ. ނަމަވެސް މިދިޔަ ތިން ވަރަކަށް ދުވަހު، އޭނާއަށް ބުލީކުރުމާއި ރޭޕްގެ އިންޒާރުތަކެއް ވެސް ދީފައިވާ ކަމަށާއި އަދި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް ހެކްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ޝުނާނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު ވަހީދުގެ ދެކަނބަލުންނަށް އޭނާގެ ބައްޕަ ބފުރައްސާރަ ކުރި މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ މީގެ އެތައް ދުވަހެއް ކުރީގެ ވީޑިއޯތައް ހިއްސާކޮށް އޭނާގެ ބައްޕައަށް ވެސް ބަހުގެ ހަމަލާތައް ދެމުންނެވެ. މިކަމާއި ގުޅިގެން ޝުނާނާ ވިދާޅުވީ އޭނާގެ ބައްޕަ ހައްޔަރުކޮށް މީގެ ކުރިން ދީފައިވާ އަނިޔާތަކުގެ ސަބަބުން ބައްޕައަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ތަފާތު އެކި މައްސަލަތައް ދިމާވެފައިވާ ކަމަށެވެ.

ޝުނާނާ ވިދާޅުވީ، މިހާތަނަށް އެ އާއިލާއަށް އިންސާފު ލިބިފައިނުވާ ކަމަށާއި، ސިޔާސީ މަންފާއަށްޓަކައި ސޯޝަލް މީޑިއާއަށް ވީޑިއޯތައް ހިއްސާކުރުމުގެ ބޭނުމުގައި ބައެއް މީހުން އޭނާގެ ބައްޕަ، ގަސްތުގައި ރުޅިއަރުވާ ކަމަށެވެ. އަދި ބައްޕަގެ ހުރި އުނި ސިފަތަކަށް މަލާމާތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.