ކޮރޯނާވާއިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަހަކީ ވަރަށް ނުރައްކާތެރި ވައިރަހެއް ކަމަށާ، އެއީ އިންތިހާ ބާރުމިނުގައި ފެތުރިގެންދާ ވައިރަހެއް ކަމަށާ، އެއީ "ގާތިލެއް" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ޖައްސަނީ މިދިޔަ އަހަރުގެ ފަހުކޮޅު، ޗައިނާގެ ވޫހާން ސިޓީގެ ސީފުޑް މާކެޓަކުން ފުރަތަމަ ފަހަރަށް ފެނިގެން ރިޕޯޓްކުރި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް-2 (ސާސްކޯވް-2) އިންނެވެ. މި ވައިރަހުގެ ހަގީގީ ފެށުމަކީ ކޮބައިކަން އަދާ ޖެހުނު އިރުވެސް ހޯދިފައެއް ނުވެއެވެ.
ކޮވިޑް-19 ޖައްސާ ވައިރަސް އަތުވާން އޮތީ "ފިސާރި" ބާރު ދުވެޔެއްގައި ހަރަކާތްތެރިވެގެން ކަމަށާ، ވައިރަސް ބަލިކޮށްލުމަށް އެއްބައިވަންތަ ވާންޖެހޭ ކަމަށްވެސް، ޖެނީވާގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލި ފެތުރިގެން ގޮސްފައިވާ ގޮތަށް ބަލާއިރު، މިހާތަނަށް 8.4 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 3.5 މިލިއަން ކޭހަކީ މިހާރުވެސް އެކްޓިވް ކޭހެވެ. އެކްޓިވް ކޭސްތަކަށް ބަލާއިރު 54452 ޕޭޝްންޓުންގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ރެކޯޑްތަކުން ދައްކައެވެ. މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19ގެ ޝިކާރައަކަށްވެ، މަރުވެދިޔަ މީހުންގެ އަދަދު މިހާރު ވަނީ 451263 އަށް އަރާފައެވެ.