ވިޔަފާރިވެރި އެއް ކަމަށްވާ އިސްމާއިލް ޝުޖާއު (އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އިންމަ) އަށް 3.7 މިލިއަން ޑޮލަރު ދެއްކުމަށް ސަންލޭންޑް ހޮޓެލްސްގެ ހިއްސާދާރެއް ކަމަށްވާ ހުސައިން ހިލްމީގެ މައްޗަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ހައިކޯޓަށް ޝުޖާއު އިސްތިއުނާފަށް ހުށަހެޅި މައްސަލަ ބަލާ ހުކުމް ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ހައިކޯޓުން ބުނީ، ހިލްމީގެ ފަރާތުން ޝުޖާއުގެ ނަމުގައި ތިން ޗެއްކެއް ދޫކޮށްފައިވާ ކަަމަށެވެ. އެއީ 30 ނޮވެމްބަރު 2017 ގައި ދޫކޮށްފައިވާ 2 މިލިއަން ޑޮލަރުގެ ޗެކާއި 31 ޑިސެމްބަރު 2017 ގައި ދޫކޮށްފައިވާ 1 މިލިއަން ޑޮލަރުގެ ޗެކާއި 31 ޖެނުއަރީ 2018 ގައި ދޫކޮށްފައިވާ 726،977 ޑޮލާރުގެ ޗެކެވެ. މި ތިން ޗެކަށްވާ ޖުމްލަ ފައިސާ 3.72 މިލިއަން ޑޮލަރު އަކީ ޝުޖާއުއަށް ލިބެންޖެހޭ ފައިސާ ކަމުގައި ހައިކޯޓުން ބުނެއެވެ. އަދި މި މަހުގެ 15 އިން ފެށިގެން ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރުމަށް ހިލްމީގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.
ޝުޖާއުގެ ފަރާތުން ހިލްމީ އަދި ކާސްޓަވޭ މޯލްޑިވްސްގެ މައްޗަށް ދައުވާކޮށްފައި ވަނީ ޝުޖާއުގެ އަތުން ފައިސާ ނެގުމަށް ފަހު ފައިސާ އަނބުރާ ދެއްކުމަށްޓަކައި ހިލްމީ ސޮއިކޮށް ދޫކުރި ތިން ޗެކަށް އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ރިޓާންވެފައި ވާތީ އެއަށްވާ ފައިސާ އަނބުރާ ހޯދުމަށެވެ. ހައި ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެ ތިން ޗެކުގެ ޖުމްލަ 3.72 މިލިއަން ޑޮލަރު އެކީ އެއްފަހަރާ ހޯދުމަށް އެދި ހިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އިސްމާއީލް ޝުޖާއުގެ ފަރާތުން ދައުވާކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ދައުވާގައި ބަޔާންކުރާ 3.7 މިލިއަން ޑޮލަރު ދައްކަން ޖެހުން ސާބިތު ނުވާ ކަމަށެވެ. އެކަމާ ގުޅިގެން މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ޝުޖާއުއަށް ހިލްމީ ސޮއިކޮށް ދޫކޮށްފައިވާ 3.7 މިލިއަން ޑޮލަރުގެ ޗެކް ރިޓާން ވެފައިވާ ކަމަށާއި އެކަން ޝުޖާއުގެ ފަރާތުން ހިލްމީއަށް އަންގާފައިވާ ކަމަށެވެ.
ސަންލޭންޑް ހޮޓެލްސްގެ ހިއްސާދާރެއް ކަމަށްވާ، ވިޔަފާރިވެރިޔާ ހުސައިން ހިލްމީ، ކޯޓު އަމުރެއްގެ ދަށުން 2018 ވަނަ އަހަރުގައި ވަނީ ހައްޔަރުވެސް ކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ބައުންސް ޗެކްތަކެއްގެ މައްސަލައިގެ ތުހުމަތުގައެވެ.
ހިލްމީއަކީ ސަންލޭންޑް ހޮޓެލްގެ ހިއްސާދާރެއްގެ އިތުރުން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރު ކަމާއި، ޔޫތު މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.