4 މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަށައިފިއެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ތަހުގީގު ކުރަން ނިންމީ ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް، ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުލްހާ އަލީގެ އިތުރުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސިޔާމާ މުހައްމަދުއެވެ.
ޖޭއެސްސީން ބަލަން ނިންމީ، ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޝަރުއީ ދާއިރަގެ މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކުރަފަދަ އާއިލީ ގުޅުން އޮންނަ ފަރާތެއް އެކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސާގެ މަގާމަށް ހަމަޖެއްސުމުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.
ސިވިލް ކޯޓުގެ އިސްގާޒީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަން ނިންމީ، ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދައުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް ކޯޓަށް ހާޒިރުނުކޮށް މައްސަލަ ބާތިލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓާ ބެހޭގޮތުން ޖޭއެސްސީން ބަލަނީ، ކޯޓުގައި ހިނގާ މައްސަލަތަކުގައި ޝަމިލުވާ އެކި ފަރާތްތަކާއެކު ފަނޑިޔާރަކު ބާއްވައިގެން ނުވާނެ ގުޅުން ބާއްވާކަމުގެ ތުހުމަތާއި ފުލުހުން ހިންގި ތަހުގީގަކަށް ހުރަސްއަޅައި ހެކި ނައްތާލަން މަސައްކަތްކޮށް ފަނޑިޔާރެއްގެ އަމަލުތައް ބަހައްޓައިގެން ނުވާނެ ފަދަ ގޮތަކަށް ބެހެއްޓި ކަމަށް ބުނާ މައްސަލައެވެ. އަދި ޖިންސީ ގޯނާގެ މައްސަލައެއްގައި އެހެން މެޖިސްޓްރޭޓަކު ބަންދުގެ މުއްދަތު ޖަހާފައި ވަނިކޮށް އެ ބަންދު އަމުރު މުރާޖައާކޮށް ގޮތް ނިންމި ކަމަށް ބުނާ މައްސަލައަކާއި އޭނާގެ އާއިލީ ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ޖޭއެސްސީން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓާ ގުޅޭގޮތުން ބަލަމުން ދަނީ މީހަކު ބަންދުގައި ބެހެއްޓުމާމެދު ގޮތް ނިންމި އިރު ހަގީގަތަ ހިލާފަށް އަދި ޒިންމާދާރުކަން ކުޑްގޮތެއްގައި ލިބިފައިވާ މައުލޫމާތު އޮޅޭގޮތަށް އަމަލު ކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެވެ.