ރައްޔިތުން މަޖިލީހުގައި މަސައްކަތް ކުރާ މުވައްޒަފުން ރިސްކް (ނުރައްކަލަށް) ހުށަނޭޅުމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުގައި ޣައްސާން ވާހަކަ ދެއްކެވީ މަޖިލީހުގެ އިދާރާގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވި ވާހަކަ ފެންމަތިވުމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނަށް އިޝާރާތް ކުރައްްވައެވެ. ޣައްސާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މުވައްޒަފުން ރިސްކް ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމަށް ފަހު އަލުން ހުޅުވައިގެން މަސައްކަތްތައް ކުރަން ފެށީ ކޮވިޑް ބަލިމަޑުކަން މާލޭގައި އޮތް މި ދުވަސްވަރު މަޖިލީހުގެ މުވައްޒަފެއް އެ ބައްޔަށް ޕޮޒިޓިވް ވެދާނެ ކަމަށް ބަލައި އެކަމަށް ތައްޔާރު ވެގެން ކަމަށް މަޖިލީހުން ބުނެއެވެ. އަދި ޕޮޒިޓިވް ވި ކޭސްއާ ގުޅުން ހުރި ކޮންޓެކްޓް ޓްރޭސިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފެއް ޕޮޒިޓިވްވުމާ ގުޅިގެން މިއަދު މަޖިލީހުގެ އިދާރާ ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ. އަދި ޑިސްއިންފެކްޓް ކުރުމަށްފަހު މަޖިޅީހުގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ފެށޭނެ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

މަޖިލީސް އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، މާލެ ސިޓީގައި އިއުލާން ކޮށްފައި ވާ ލޮކްޑައުނަށް ލުއިދިނުމުގެ ކުރިން ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއެކު މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ވަނީ ބާއްވަން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ އޮންލައިން ކޮށް މަޖިލީހުގެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހެވެ. އޮންލައިންކޮށް މަޖިލިސް ޖަލްސާތައް ބޭއްވުމަށްފަހު މަޖިލީހަށް މެންބަރުން ހާޒިރުވެގެން ޖަލްސާތައް ފަށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.