މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ގުޅީފަޅުގައި ބިންހިއްކާ ސަރަަހައްދުގައި 6000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން މަޖިލީހުގެ އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ހުށަހަޅައިފިއެވެ.

އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިގޮތަށް ހުށަހަޅާފައި ވަނީ ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއާ ގުޅިގެން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ކޮމިޓިން އެކުލަވާލި ރިޕޯޓުގައެވެ. އެ ރިޕޯޓުގައި ވަނީ ތިމާވެއްޓަށް އަސަރު ކުރާ މަޝްރޫއަކަށް ވާތީ ހަމައެކަނި އެންމެ މަޝްރޫއަކަށް ހާއްސަ ކުރުމުގެ ބަދަލުގައި އިތުރު އިޖުތިމާއީ އަދި އިގްތިސާދީ ފައިދާތައް އަންނާނެ ކަންކަން ހިމަނަން ޖެހޭ ކަމަށެވެ.

އެ ގޮތުން މާލެއަކީ ތޮއްޖެހިފައިވާ ސަރަހައްދަކަށް ވާތީ ގުޅިފަޅުން ބިން ހިއްކާ ސަރަހައްދުގެ 15 ޕަސެންޓްގެ ބިން ބޯހިޔާވަހިކަމަށް ހާއްސަ ކުރުމަށް ކޮމިޓީން ހުށަހަޅާ ކަމަށް ރިޕޯޓުގައި ބުނެއެވެ. އަދި އެ ބިމަކީ މަދުވެގެން 6،000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވަރުގެ ބިމަކަށް ވެސް ވާން ވާނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެއެވެ.

މީގެ އިތުރުން، ގުޅިފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުމަށް ޓަކައި މިހާރު ވެސް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް މަޝްރޫއު ހިންގާ ފަރާތަށް އެންގުމަށް ކޮމިޓީ ރިޕޯޓް ގައިވެއެވެ. އެގޮތުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތައް ބެލުމަށް ކަމާބެހޭ ފަރާތްތައް ހިމެނޭ ވަގުތީ ކޮމިޓީއެއް އެކުލަވާލައި ހަފުތާއަކު އެއް ފަހަރު ބައްދަލުވުންތައް ބާއްވަން އެ ރިޕޯޓުގައި ބުނެއެވެ.

ރައްޔިރުންގެ މަޖިލީހުގެ އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން، ގުޅިފަޅުގައި ގާއިމްކުރެވޭ ޕޯޓްގެ މަޝްރޫއުގެ މައްސަލަ ދިރާސާ ކުރުމަށް ނިންމީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ލިބެމުން ދާތީ އެކިފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުން ދިއުމުގެ ސަބަބުންނެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު އިން ތިމާވެއްޓަށް ކުރާނެ ނޭދެވޭނެ އަސަރުތަކާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފުރަތަމަ ގުޅީފަޅު ހިއްކާފައި ވަނީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެފަހަރު ހިއްކީ 10 ހެކްޓަރެވެ. އެއަށްފަހު 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައި ވެއެވެ. މިހާރު ކުރިއަށް ދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ. އަދި އެ ސަރަހައްދު ހިއްކުމަށް ފަހު މާލެ ވިޔަފާރި ބަނަދަރު ގުޅިފަޅަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.