ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، ހާލު ސީރިއަސް ވާ ޕޭޝަންޓުންގެ ފުރާނަ ސަލާމަތްކޮށް، މި ބަލީގައި މަރުވާ މީހުންގެ އަދަދު މަދު ކުރުމަށް އުއްމީދު އާ ކޮށްދިން ސްޓެރޮއިޑެއް ކަމަށްވާ ޑެކްސަމެތަސޯންގެ ވާހަކައަކީ އެންމެނަށްވެސް އުފާވެރި ޚަބަރެއް ކަމަށާ، ނަމަވެސް މި ޑްރަގަކީ ކޮވިޑް-19ގެ ފަރުވާ ނޫން ކަމަށް އިނގިރޭސިވިލާތުގެ ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ސްކައި ނިއުސްއާއި ވާހަކަދައްކަވަމުން ހެންކޮކް ވިދާޅުވީ، ކޮވިޑް-19ގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށް އެހިވެދޭ ޑްރަގެއްގެ ގޮތުގައި ޑެކްސަމެތަސޯންގެ ވާހަކަ އާންމުވެގެން ދިއުމަކީ އެންމެނަށްވެސް އުފާވެރިކަން ގެނެސްދިން ޚަބަރެއް ކަމަށާ، މިއީ ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ލިބުނު ރަނގަޅު ކާމިޔާބީއެއް ކަމަށެވެ.

މި ޑްރަގަކީ ދުނިޔެއިން މިހާރު ލިބެން ހުރި ބޭސް ބޭނުންކޮށްގެން ކޮވިޑް-19އަށް ފަރުވާއެއް ލިބޭތޯ ބެލުމަށް މުޅި ދުނިޔޭގައިވެސް ކުރިއަށް ގެންދާ އެންމެ ވަރުގަދަ ދިރާސާގައިވެސް ބޭނުން ކުރާ ބޭހެކެވެ. ތަޖުރިބާކާރުން ކުރިއަށް ގެންދިޔަ ތަހުލީލުތަކުގެ ނަތީޖާއަށް ބަލާއިރު ކޮވިޑް-19 ޖެހި، ހާލު ސީރިއަސްވެގެން ވެންޓިލޭޓަރަށް ލާން ޖެހުނު ކޮންމެ 8 ޕޭޝަންޓަކުން 1 ޕޭޝަންޓްގެ ފުރާނަ ސަލާމަތް ކުރެވިފައިވާއިރު، އޮކްސިޖަން ދޭން ޖެހުނު ކޮންމެ 25 ޕޭޝަންޓަކުން 1 ޕޭޝަންޓުގެ ފުރާނަ ސަލާމަތް ކުރެވުނުކަން ވަނީ ފާހަގަކޮށްފައެވެ.

ބެލެވޭ ގޮތުގައި ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސްވާ ޕޭޝަންޓުންނަށް ޑެކްސަމެތަސޯން އެހީވަނީ، ވައިރަހާ ދެކޮޅަށް ހަށިގަނޑު ދިފާއީ ނިޒާމް 'އޯވާޑްރައިވް'އަކަށްދާ ދިއުމުގެ މަރުހަލާގައި ލުޔެއް ހޯދާ ދިނުމަށެވެ.

މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއިންނެވެ. ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޕްރޮފެސާ މާޓީން ލޭންޑްރޭ ވިދާޅުވާ ގޮތުގައި، ކޮވިޑް-19ގައި މަރުވެދާ މީހުންގެ އަދަދު ދަށް ކުރުމަށް މިހާތަނަށް އެންމެ ބޮޑު ކާމިޔާބީއެއް ދައްކައިދިން ޑްރަގަކީވެސް ޑެކްސަމެތަސޯންއެވެ. ޕްރޮފެސާ އިތުރަށް ވިދާޅުވީ، މި ބޭހަކީ ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދާ ޕޭޝަންޓުންނަށް މިހާރުން މިހާރަށްވެސް ލިބެންޖެހޭނެ ފަރުވާއަކަށް ހަދަންޖެހޭ ކަމަށާ، ނަމަވެސް ގޭގައި ތިބި މީހުން މި ބޭސް ގަންނަން ދާން ނުޖެހޭނެ ކަމަށެވެ.

މި ބޭހަކީ ދިވެހިރާއްޖެއިންވެސް ލިބެން ހުރި ބޭހެކެވެ.