މާލެ ސިޓީގެ ހުރިހާ މިސްކިތްތަކަށް އަތް ދޮންނަން ބޭނުންވާ ތަކެތި ޝަރީފާ ފައުންޑޭޝަންގެ ނަމުގަައި ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ހަދިޔާކޮށްފިއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން މަންޑޭ ވިދާޅުވީ މޭލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ 35 މިސްކިތައް އެ ފައުންޑޭޝަނުން ތަކެތި ހަދިޔާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން އަތްދޮންނަ ސޯޕް އާއި ސޯޕް ޑިސްޕެންސާ ހަދިޔާ ކޮށްފައި ވާއިރު، އެތަކެތި ހަވާލުކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލާއެވެ.

ޝަރީފާ ފައުންޑޭޝަނަކީ ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ގެ މަންމަގެ ހަނދާނުގައި އުފައްދަވާފައިވާ ފައުންޑޭޝަނެކެވެ.

މީގެ ކުރިން ކޮވިޑާ ގުޅިގެން ޝަރީފާ ފައުންޑޭޝަނުން ފޯރޮކޮށްދީފައި ވާ ބައެއް އެހީތަކުގެ ތެރޭގައި ޓެކްސީ އެސޯސިއޭޝަނަށް 1000 މާސްކާއި، 1000 އަންގި ހިމެނެއެވެ. މަންޑޭ ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް މާސްކާއި އަންގިއާއި ސެނިޓައިޒާ ފަދަ ތަކެތި ހަދިޔާކޮށްފައެވެ. މީގެ އިތުރުން ކުޑަކުދިންގެ ހިޔާއަށާއި މަޖޫރީންނަށްވެސް ވަނީ އެހީވެ ދެއްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ގިނަ ބަޔަކަށް އެހީގެ ތަކެތި ފޯރުކޮށްދިން އެއް ވިޔަފާރިވެރިއަކީ މަންޑޭއެވެ. އޭނާ ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްގެ ސަބަބުން ސޯޝަލް މީޑިއާގައި ހުރިހާ ވިޔަފާރިވެރިން ވެސް މަންޑޭ މިސާލެއްގެ ގޮތުގައި ބެލުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.