މިދިޔަ އަހަރުގެ ޖުލައި މަހު މާލޭ ގެއެއްގެ ތެރޭގައި ބިދޭސީއަކަށް އަނިޔާ ކުރުމުގައި ބައިވެރިވި އަށް ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން 11 ފުލުހެއްގެ މައްޗަށް ޖިނާއީ ތަހްގީގުއް ހިންގައި، ދައުވާކުރުމަށް އެދި މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި އަދި އޭގެ ތެރެއިން 8 ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީން ވަނީ ބަލައިގެންފައި ކަމަށެވެ.

އެ މައްސަލައިގެ ހިމެނޭ ފުލުހުންނަކީ ކްރައިމް ކޮމާންޑަށް ނިސްބަތްވާ ފުލުހުން ކަމަށްވާތީ، މައްސަލައިގެ ތަހްޤީޤް ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ކޮމާންޑަށް ނިސްބަތްނުވާ އައިއޯއިންގެ މައްޗަށް އެކުލަވާލި ހާއްސަ ޓީމަކުންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި 7 ފުލުހުންގެ މައްސަލަ ބަލާފައިވާ ކަމަށެވެ. އެ މައްސަލަތައް ބެލުމަށްފަހު އެ ފުލުހުންގެ މަގާމު ދަށްކޮށް، ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް ބަދަލުކޮށް އަދި އަހުލާގީ ކުލަ އަތުލުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމި ކަމަށެވެ.

ޖޫން 6، 2019 ވަނަ ދުވަހު މ. އުޖާލާގެއިން މީހަކު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހިފައިގެން ވަނީ ހަތް ފުލުހެކެވެ. އަދި އެ ފުލުހުން ވަނީ އެމީހާ ގައިގައި އަތުންނާއި ފައިންނާއި ގާ ބުރިން ވެސް ތަޅާފައެވެ. އޭރު އާންމުވި ވީޑިއޯގައި ފެންނަނީ ދެ ފުލުހަކު ވެގެން އެމީހާ ގައިގައި ހިފަހައްޓާފައި ހުރި ތަނެވެ. އަދި އެތަނުން އެހެން ފުލުހަކު އޭނާގެ މޫނުމަތީގައާއި ބޮލުގައި އަތުން ތަޅައެވެ. އަދި އޭނާގެ ފަހަތުގައި ހުރި ފުލުހަކު އަރައިގެން ހުރި ބޫޓުން އޭނާގެ ބުރަކަށީގައި ޖެހި އިރު، އެހެން ފުލުހަކު ވަނީ ގާބުރިއަކުން އޭނާގެ އަތުގައި ޖަހާފައެވެ.

ހަތް ފުލުހަކު ވެގެން މީހަކަށް ރަހުމްކުޑަގޮތަކަށް އަނިޔާކުރި މައްސަލައިގައި އެ ފުލުހުން ވަގުތުން ވަޒީފާއިން ވަކިކުރުމަށް އާންމުން ވަނީ ގޮވާލާފައެވެ. އަދި މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ދިޔައީ ބަލަމުންނެވެ.