ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިނަމަވެސް، މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު އިއްޔެ ވިދާޅުވީ މިދިޔަ އަހަރު 1.7 މިލިއަން މީހުން އައި ނަމަވެސް މި އަހަރު އަންނާނެ ކަމަށް ބެލެވެނީ 908،000 މީހުންނެވެ.

ޖުލައި މަހު ހުޅުވާލަން ސަރުކާރުން ހަދާފައިވާ ސިނާރިއޯގައި ބުނެފައިވާ ގޮތުގައި އަންނަ މަހު ޓޫރިޒަމް ހުޅުވާލި ނަމަވެސް ޓޫރިސްޓުން އަންނަ އަދަދު 50 ޕަސެންޓް ދަށްވެ، ޓޫރިސްޓުން ހޭދަ ކުރާ ބެޑް ނައިޓްސް 39 ޕަސެންޓް ދަށް ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ ސިނާރިއޯތަކުގެ ތެރެއިން ތިން ވަނަ ސިނާރިއޯގައި، ޖުލައި މަހުން އޮންއެރައިވަލް ވިސާ ދޭން ހުޅުވާލުމާއެކު އަހަރުގެ ބާކީ މަސްތަކުގެ ތެރޭގައި އެކަށީގެންވާ ވަރަށް ފަތުރުވެރިން އަތުވެއްޖެ ނަމަ ރާއްޖެއަށް 845،546 ފަތުރުވެރިން އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އަންނަ މަހު ޓޫރިޒަމް ހުޅުވާލާއިރު، އެއްވެސް ފީއެއް ނުނަގަން މިހާރު ނިންމާފައިވާއިރު، ޓޫރިސްޓުން އިތުރު އެއްވެސް ޝަރުތަކާ ނުލައި އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށާއި ޓޫރިސްޓުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. ޓޫރިޒަމަށް ހުޅުވާލައިރު އަމަލުކުރާނެ ގަވައިދު އަދި އާންމު ކޮށްފައެއް ނުވެއެވެ.