ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ ކުދިންގެ ތެރެއިން މިވަގުތު އެ ބައްޔަށް ފަރުވާ ކުރަމުން ދަނީ 26 ކުދިން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ޖެހިފައިވަ ނީ 18 އަހަރުން ދަށުގެ ޖުމްލަ 133 ކުދިންނަށެވެ. އޭގެތެރެއިން މިހާރު 107 ކުދިން ބަލިން ރަނގަޅުވެފައި ވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު މި ވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 26 ކުދިންނެވެ.

މިހާރު ފަރުވާ ހޯދަމުންދާ ކުދިންގެ ތެރޭގައި 1 އަހަރު ނުވާ ދެކުދިން ހިމެނެއެވެ. އަދި އުމުރުން 2 އަހަރުގެ ތިން ކުދިންނާއި 5 އަހަރުގެ ފަސް ކުދިންނާއި 7 އަހަރުގެ ހަތަރު ކުދިން ހިމެނެއެވެ. މީގެ އިތުރުން އުމުރުން 12 އަހަރާއި 13 އަހަރާއި 14 އަހަރުގެ ކުދިންގެ ތެރޭގައި ކޮންމެ އުމުރު ފުރައެއްގެ ދެކުދިން ހިމެނެއެވެ. އަދި އުމުރުން 6 އަހަރާއި 9 އަހަރާއި، 11 އަހަރާއި، 16 އަހާރާއި 17 އަހަރާއި 18 އަހަރުގެ ކުދިންގެ ތެރެއިން ކޮންމެ އުމުރު ފުރައެއްގެވެސް އެއް ކުއްޖަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިމަހު ކޮވިޑުން ރަނގަޅުވި 18 އަހަރުން ދަށުގެ ކުދިންގެ ރެކޯޑް:

  • 2 ޖޫން - 2 ކުދިން
  • 3 ޖޫން - 3 ކުދިން
  • 4 ޖޫން - 3 ކުދިން
  • 5 ޖޫން - 1 ކުއްޖެއް
  • 6 ޖޫން - 2 ކުދިން
  • 7 ޖޫން - 15 ކުދިން
  • 8 ޖޫން - 11 ކުދިން
  • 9 ޖޫން - 13 ކުދިން
  • 10 ޖޫން - 5 ކުދިން
  • 11 ޖޫން - 4 ކުދިން
  • 12 ޖޫން - 5 ކުދިން
  • 13 ޖޫން - 3 ކުދިން
  • 14 ޖޫން - 3 ކުދިން
  • 15 ޖޫން - 4 ކުދިން

މި މަހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި ބަލިން ރަނގަޅު ވެފައިވާ ކުދިންގެ އަދަދު ވަނީ 74 އަށް އަރާފައެވެ. އެގޮތުން މި މަހު އެންމެ ގިނަ ކުދިން މި ބަލިން ރަނގަޅުވެފައި ވަނީ މި މަހުގެ 7، 8 އަދި 9 ވަނަ ދުވަހެވެ. 7 ވަނަ ދުވަހު 15 ކުދިން ވަނީ މި ބަލިން ރަނގަޅު ވެފައެވެ.

ރާއްޖެއިން މިބަލި 133 ކުދިންނަށް ޖެހިފައި ވާއިރު ކުދިންގެ އުމުރުފުރައަށް ބަލާނަމަ އެންމެ ގިނަ ކުދިން ޕޮޒިޓިވް ވެފައި ވަނީ އުމުރުން 13 އަހަރާއި 14 އަހަރުގެ ކުދިންނެވެ. މިހާތަނަށް އުމުރުން 13 އަހަރުގެ 10 ކުދިން އަދި 14 އަހަރުގެ 11 ކުދިން މި ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.

ކޮވިޑަށް 133 ކުދިން ޕޮޒިޓިވް ވެފައިވާ އިރު އޭގެތެރޭގައި ހިމެނެނީ 72 ފިރިހެން ކުދިންނާއި 61 އަންހެން ކުދިންނެވެ.