މިއަދު ކޮވިޑަށް 29 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި ބަލިން ރަނގަޅުވި މީހުންގެ އަދަދު 130 އަށް އަރައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު 29 މީހުން ކޮވިޑަށް ޕޮޒިޓި ވެފައި ވާއިރު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 2094 އަށް ވަނީ އަރާފައެވެ. މިއަދު ޕޮޒިޓިވް ވި 29 މީހުންގެ ތެރޭގައި ހިމެނެނީ އެއް ދިވެއްސަކާއި، ބަންގްލަދޭޝްގެ 15 މީހަކާއި، ނޭޕާލްގެ 9 މީހަކާއި، ޕިލިޕީންސްގެ އެކަކަކާއި، އިންޑިއާގެ 2 މީހުންނާއި އެއްވެސް ގައުމެއް ހާމަނުކުރާ އެކަކެވެ.
ޕޮޒިޓިވް ވި މީހުންގެ ތެރޭގައި 736 ދިވެހިން ހިމެނެއެވެ. އެންމެ ގިނައިން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެ ގޮތުން މިހާތަނަށް ބަންގްލަދޭޝްގެ 1102 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 79 ޕަސެންޓް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. އެ ގޮތުން މިހާރު މި ބައްޔަށް ބޭސްކުރަމުން ދަނީ 414 މީހުންނެވެ.
މި މަހުގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ރެކޯޑް:
- 1 ޖޫން - 56 މީހުން ޕޮޒިޓިވްވި
- 2 ޖޫން - 12 މީހުން ޕޮޒިޓިވްވި
- 3 ޖޫން - 9 މީހުން ޕޮޒިޓިވްވި
- 4 ޖޫން - 22 މީހުން ޕޮޒިޓިވްވި
- 5 ޖޫން - 11 މީހުން ޕޮޒިޓިވްވި
- 6 ޖޫން - 18 މީހުން ޕޮޒިޓިވްވި
- 7 ޖޫން - 2 މީހުން ޕޮޒިޓިވްވި
- 8 ޖޫން - 13 މީހުން ޕޮޒިޓިވްވި
- 9 ޖޫން - 26 މީހުން ޕޮޒިޓިވްވި
- 10 ޖޫން - 20 މީހުން ޕޮޒިޓިވްވި
- 11 ޖޫން - 14 މީހުން ޕޮޒިޓިވްވި
- 12 ޖޫން - 27 މީހުން ޕޮޒިޓިވްވި
- 13 ޖޫން - 10 މީހުން ޕޮޒިޓިވްވި
- 14 ޖޫން - 22 މީހުން ޕޮޒިޓިވްވި
- 15 ޖޫން - 30 މީހުން ޕޮޒިޓިވްވި
- 16 ޖޫން - 29 މީހުން ޕޮޒިޓިވްވި
މި މަހުގެ މިހާތަނަށް 321 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ވޭތުވެ ދިޔަ ހަފްތާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެސްޓުކުރި މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައި ވަނީ އެވްރެޖްކޮށް 2.1 ޕަސެންޓް މީހުންނެވެ. އެއީ ޓެސްޓު ކުރި މީހުންގެ ތެރެއިން 5 ޕަސެންޓަށް ވުރެ ވެސް ދަށް އަދަދެކެވެ.
އެގޮތުން މިދިޔަ ހަފްތާގައި 5405 ޓެސްޓު ކޮށްފައި ވާއިރު، ޕޮޒިޓިވް ވެފައި ވަނީ 112 މީހުންނެވެ. ވޭތުވެދިޔަ ހަފްތާގައި ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 454 ސާމްޕަލް އަކީ އެކްޓިވް ސާވައިލަންސްގެ ތެރެއިން ރެންޑަމްކޮށް ނަގާފައިވާ ސާމްޕަލްތައް ކަމަށް އެންއީއޯސީން ބުނެއެވެ. އެންއީއޯސީން ރެންޑަމް ސާމްޕަލް މަގުމަތިންނާއި އެކި އެކި ކޭސްތަކާ ގުޅުން ހުރި ތަންތަނުން ނަގައެވެ. އަދި ފްލޫ ކްލިނިކްތަކުގައިވެސް ސާމްޕަލް ނަގައެވެ.