މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ މައްޗަށް ނަސްރު ހޯދި ފުރަތަމަ ގައުމުގެ ގޮތުގައި ޚަބަރުތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި ނިއުޒީލަންޑްއިން އަނެއްކާވެސް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަން ފަށައިފިއެވެ.

ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެގައުމުން މިއަދު 2 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާ ކަމަށެވެ. މިއީ ފާއިތުވީ 24 ދުވަހުގެ ތެރޭގައި ނިއުޒީލަންޑްއިން ރިޕޯޓްކުރި ފުރަތަމަ ކޭސްތަކެވެ.

ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމު ކުރި ޕްރެސް ރިލީޒްއެއް ބުނާ ގޮތުގައި މިއަދު ޕޮޒިޓިވްވި 2 މީހުންނަކީ އިނގިރޭސިވިލާތަށް ދަތުރު ކުރުމަށްފަހު އޮސްޓްރޭލިއާ މަގުން ނިއުޒީލަންޑްއަށް އެތެރެވި 2މީހުންނެވެ. މި 2 މީހުންނަކީ އެއް އާއިލާއެއްގެ 2 މީހުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިއުޒީލަންޑްގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތް ޑރ އޭޝްލީ ބްލޫމްފީލްޑް ވިދާޅުވީ، އޯކްލަންޑްގައި މި 2 މީހުން ކަރަންޓީނު ކޮށްފައި ތިބި ފެސިލިޓީ ދޫކޮށް، އަމިއްލަ ވެހިކަލެއްގައި ވެލިންގްޓަންއަށް ދަތުރު ކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށާ، އެ ދެމީހުންނަށް އެ ހުއްދަ ދިނީ އާއިލާ މެމްބަރެއްގެ ގާތަށް ޒިޔާރަތް ކުރުމަށް އެދުމުން، ހަމްދަރުދީގެ ނަޒަރުން ބެލުމަށް ފަހުގައި ކަމަށާ، އެ 2 މީހުން ޒިޔާރަތްކުރި އާއިލާ މެމްބަރު މިހާރު މަރުވެފައި ކަމަށެވެ.

ޑރ ބްލޫމްފީލްޑް ވިދާޅުވީ އެންމެންވެސް ތިބީ އާ ކޭހެއް ފެނުމަށް ނޭދި ކަމަށާ، ނަމަވެސް މިއީ ވެދާނެ ކަމަށް ކަމަށް ގަބޫލު ކުރެވެމުން ދިޔަ ކަމަށެވެ. އަދި ނިއުޒީލަންޑްއިން އޮތީ މިފަދަ ކަމަކަށް ތައްޔާރުވެފައި ކަމަށްވެސް ޑރ ބްލޫމްފީލްޑް ވަނީ ހާމަކުރައްވާފައެވެ.

ހާދިސާ އިތުރަށް ތަފްސީލު ކޮށްދެއްވަމުން ޑރ ބްލޫމްފީލްޑް ވިދާޅުވީ، ޕޮޒިޓިވްވި 2 އަންހެނުންގެ ތެރެއިން އެކެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ވަރަށް ކުޑަކޮށް ފެންނަން ފެށި ކަމަށާ، ނަމަވެސް އެއީ އޭނާގެ ހަށިގަނޑުގައި ކުރިންވެސް ހުރި ބައްޔެއް ކަމަށް އެ ވަގުތު ނިންމުނު ކަމަށެވެ. މި ދަތުރުގައި އާންމު އެއްވެސް ތަނެއްގެ ބޭނުން އެ މީހުން ކޮށްފައެއް ނުވެއެވެ.

ނިއުޒީލަންޑްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ޕޮޒިޓިވްވި މީހާއާއި ގުޅުން ހުރި އާއިލީ އިތުރު މެމްބަރެއް އައިސޮލޭޓްކޮށް، އެމީހާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބައްޔަށް ހުށަހެޅިފައިވާނެ ކަމަށް ބެލެވޭ އިތުރު ކޮންޓެކްޓްތައް ޓްރޭސް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި، މި 2 އަންހެނުންނާއެކު އެއް ފްލައިޓެއްގައި ބްރިޒްބަންއިން ދަތުރުކުރި ފަސެންޖަރުންނާ، އައިސޮލޭޝަން ފެސިލިޓީގައި ތިބި މީހުންވެސް ހިމެނެއެވެ.

މި 2 ކޭހާއެކު ނިއުޒީލަންޑްއިންއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 1156 އަށް އަރާފައެވެ.